ދިވެހި ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން އާންމުކޮށް އަޅާ ހެދުމުގެ ބައެއްގެ ގޮތުގައި މޫނު ބުރުގާ އެޅުން މަނާކޮށްފައި އޮންނާތީ އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށް، އެކަން ނިމުމަކަށް ގެނައުމަށް ގޮވާލައިފި އެވެ.

އެކަން ކުށްވެރިކޮށް އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބައެއް އަންހެން މުވައްޒަފުން މޫނު ބުރުގާ އެޅުމުގެ ހުއްދައަށް އެދެމުން އަންނަ ކަމަށާއި ނަމަވެސް ކަމާގުޅޭ މުއައްސަސާތަކުން ފާޅުގައި އެކަމަށް އިންކާރު ކުރަމުން އަންނަ ކަމަށާއި އެއީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އެ ޕާޓީން ބުނީ ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމް ދައުލަތަކަށް ވާއިރު އިސްލާމްދީނުގެ ޝިއާރެއް ފާޅުކުރުމަކީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ވަޒީފާ އަދާކުރުމުގެ އަސާސީ ހައްގު ހިފެހެއްޓި، ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނާ ގާނޫނީ މަންފާތައް ހަމަހަމަކަމާއެކު ލިބިދިނުމުގެ ހައްގުން މަހުރޫމުވާންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.

"މިއީ އަންހެނުން މުޖުތަމައުގައި ބާރުވެރި ކުރުމާއި އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އަސާސްތަކާއި ކަނޑައެޅިގެން ހިލާފު ކަމެކެވެ. މިފަދަ ސިޔާސަތު ތަކުގެ ސަބަބުން ގާބިލު އަންހެން ކަނބަލުންނަށް ކުރިއަށް ދިއުމުގެ ފުރުސަތު ހަނިވުމުގެ އިތުރުން ސިވިލް ސާވިސްގެ ތެރެއިން ގައުމާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ގާބިލް މުވައްޒަފުން މަދުވުމަކީ އޭގެ ނުރަނގަޅު އަސަރު ރައްޔިތުންނަށް ފޯރާނެ ކަމެކެވެ." ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީން ބުނީ ސަރުކާރާއި ދައުލަތުން ގެންގުޅޭ "ދެކޮޅު ނުޖެހޭ ދޯހަޅި ސިޔާސަތުތަކުގެ" ސަބަބުން ތަފާތު ވިސްނުންތަކަށް ޖާގަ ލިބިދޭ، އަނެކާގެ ވިސްނުމާއި ފިކުރަށް އިހުތިރާމް ކުރުމުގެ ރީތި ސިފަ ގެއްލި ދިވެހި މުޖުތަމައު ބައިބައިވަމުން ދާކަން ފާހަގަކުރެވޭ ކަމަށެވެ.

އަދި ޣައިރު މުސްލިމް ގައުމުތަކުގައި މުސްލިމް އަންހެނުންނަށް ކުރިމަތިލާން ޖެހިފައިވާ ބޭއިންސާފު އަނިޔާތަކާ ދިވެހި މުސްލިމް އަންހެން ކަނބަލުން، ދިވެހިރާއްޖޭގައި ކުރިމަތިލާން ޖެހުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

"އެހެންކަމުން ހައްގުތަކާއި މިނިވަންކަން ލިބިދޭންޖެހެނީ ވަކި ފިކުރެއްގެ ވަކިގޮތަކަށް ހެދުން އަޅާ ބަޔަކަށް ކަމުގައި ދެކޭދެކުން ދޫކޮށް، ނިޒާމުގެ ތެރެއިން ރާވައިގެން މޫނު ބުރުގާ އަޅާ އަންހެން ކަނބަލުންނަށް ވަޒީފާގެ ފުރުސަތު ހަނިކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އެއްވެސް ތަފާތު ކުރުމެއް ނެތި އެފުރުސަތު ބޭނުންވާ ފަރާތަކަށް އެފުރުސަތު ފަހިކޮށްދިނުމަށް ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ." ޕާޓީގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީ އިން ބުނީ އެފަދަ މައްސަލަތަކުގައި ވަކާލާތުކޮށް ހައްގު ހޯދައިދިނުމަށް އަދާލަތު ޕާޓީން މަސައްކަތް ކޮށްދޭނެ ކަމަށެވެ.