ހޯޒޭ މޮރީނިއޯ އާއި ޒްލަޓަން އިބްރަހިމޮވިޗް (އިބްރާ) އަކީ މީގެ ކުރިންވެސް އެކުގައި މަސައްކަތްކޮށްފައިވާ ދެމީހުންނެވެ. އިންޓަމިލާންގެ ކޯޗަކަށް މޮރީނިއޯ ހުރިއިރު، އިބްރާ އެ ކްލަބުގައި ހުއްޓެވެ. އަދި ދެ މީހުންވަނީ ވަރަށް އެކުވެރި އަދި ކާމިޔާބު ސީޒަނެއް އެ ކްލަބުގައި ހޭދަކޮށްފައެވެ. ދެން އިބްރާ ދިޔައީ ސްޕެއިންގެ ބާސެލޯނާއަށެވެ. މޮރީނިއޯ ދިޔައީ ރެއާލް މެޑްރިޑަށެވެ. އެހެންނަމަވެސް މޮރީނިއޯ ސްޕެއިންގައި ހުރި އިރު، އިބްރާ އުޅުނީ އަނެއްކާވެސް އިޓަލީގައެވެ. އޭސީ މިލާނުގައެވެ.

ޒްލަޓާން އިބްރަހިމޮވިޗް -- ފޮޓޯ: ޑެއިލީމެއިލް

މިހާރު އަނެއްކާވެސް މި ދެވެރިން މިތިބީ އެއްތަން ވެފައެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ކުޅެމުންދިޔަ އުމުރު 34 އަހަރުގެ ސްވިޑެން ފޯވާޑް އެ ކްލަބުން ވަކިވާނޭކަން އިއުލާނުކުރި ހިސާބުން އޭނާ އޯލްޑް ޓްރަފޯޑަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރި މީހަކީ މިހާރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ހޯޒޭ މޮރީނިއޯއެވެ. މޮރީނިއޯ އެވަރަކުން އިބްރާ އެޓީމަށް ގެނައީ އެއީ ކިހާވަރެއްގެ ކާކުކަން ރަނގަޅަށް އެނގޭތީއެވެ.

ޒްލަޓާން އިބްރަހިމޮވިޗް ގަބޫލުކުރާ ގޮތުގައި ކުރީގެ ބޮސް ހޯޒޭ މޮރީނިއޯ އާ އެކު އަދިވެސް އޭނާއަށް ކާމިޔާބޯތަކެއް ހޯދޭނެ-- ފޮޓޯ: ޑެއިލީމެއިލް

އިބްރަހިމޮވިޗަކީ ކިތަންމެ މޮޅުނަމަވެސް، އަމިއްލަ އެދުން ބޮޑު ގޮތްދޫ ނުކުރާ ބޮޑާ ކިބުރުވެރި ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ބަޔަކު އޭނާ ސިފަކުރެއެވެ. އެހެންނަމަވެސް މޮރީނިއޯ ވަނީ އެފަދަ ފަރާތްތަކަށް ތިން ލަފްޒުން ވަރަށް ފުރިހަމަ ރައްދެއް ދީފައެވެ. މޮރީނިއޯ އިބްރާ ސިފަކުރީ މަޖާ މީހެއްގެ ގޮތުގައެވެ.

"ޒްލަޓަން، ތިން ލަފުޒުން. އެއީ 'ކާމިޔާބު، ލަނޑުޖަހާ، އަދި މަޖާ މީހެއް' - އިބްރާއަކީ މަޖާމީހެއް،" މޮރީނިއޯ ބުންޏެވެ.

ޒްލަޓާން އިބްރަހިމޮވިޗް ހޯޒޭ މޮރީނިއޯ އާ އެކު އިންޓަމިލާންގައި -- ފޮޓޯ: އީއެސްޕީއެން

މޮރީނިއޯ ބުނީ، އިބްރާހިމޮވިޗަކީ މީހުން ހީކުރާކަފަދަ ބޮޑާ ކިބުރުވެރި މީހެއް ނޫންކަމަށާއި އެއީ މަޒާ މިޒާޖެއްގެ މީހެއްކަމަށެވެ.

"ކަލޭމެން ޖެހޭނީ އޭނާ ދަސްކުރަން ފުރަތަމަ. އެއީ ވަރަށް މަޖާ މީހެއް، އޭނާ ރަނގަޅަށް ނޭނގޭ މީހަކު، އޭނާ ދައްކާފައި ހުންނަ ބައެއް ވާހަކަތައް އަޑުއަހާފައި ހިތަށް އަރާފާނެ އެއީ ބޮޑާ މީހެކޭ،" އިބްރާގެ ދިފާއުގައި ވާހަކަދައްކަމުން ޔުނައިޓެޑްގެ އާ ކޯޗު ބުންޏެވެ.

މޮރީނިއޯ، ޕެޕް ގާޑިއޮލާ އަދި އިބްރަހިމޮވިޗް: އިބްރާ ބުނީ ގާޑިއޮލާއަކީ "ފުޓްބޯޅައިގެ ބޮޑު ސިކުނޑިއެއް"ކަމަށް އަދި މޮރީނިއޯއަކީ "މީހުން ތަރުބިއްޔަތުކުރާ މީހެއް"ކަމަށް --

މޮރީނިއޯ ބުނީ، އިބްރާފަދަ މަޖާ، ކާމިޔާބު އަދި ހުނަރުވެރި ކުޅުންތެރިއަކު ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށާއި އަދި އިބްރާވެސް ހުރީ މޮރީނިއޯ އާއެކު އަލުން މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވެފައިވާ ކަމަށެވެ.

އުމުރުން 15 އަހަރުގައި ސްވިޑެންގެ މަލްމޯ އެފްއެފް އިން ފުޓްބޯޅަ ކެރިއަރު ފެށި އިބްރާ ނަމޫނާއަކަށް ބަލަމުން އައީ ބްރެޒިލްގެ ރޮނާލްޑޯއެވެ. އިބްރާގެ ވިދުވަރު އަރަމުން އައި ދުވަސްވަރު އޭނާ ވަނީ، ނެދަލެންޑްސްގެ އަޔެކްސްއާއި އިޓަލީގެ ޔުވެންޓަސްއަށްވެސް ކުޅެފައެވެ.

އިބްރަހިމޮވިޗް ވަނީ އޭނާގެ ކެރިއަރު ފެށި ކްލަބް ކަމަށްވާ މަލްމޯ ފިޔަވައި ދެން އޭނާ ކުޅުނު ހުރިހާ ކްލަބަކާއެކު ލީގު ޓްރޮފީ އުފުލާލައިފައެވެ.

އިބްރާހިމޮވިޗް ކުޅުނު ކްލަބްތަކާއި މެޗުތަކުގެ އަދަދާއި ޖެހި ލަނޑުގެ އަދަދު ދައްކުވައިދޭ ޗާޓެއް -- ފޮޓޯ: ޑެއިލީމެއިލް

ސްވިޑެންގެ ގައުމީ ޓީމަށް 2001 ވަނަ އަހަރު ކުޅެންފެށި އިބްރާ ވަނީ، 2010 އަކުން ފެށިގެން 2016ގައި އޭނާ ބައިނަލްއަގްވާމީ ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާނުކުރުމާ ހަމައަށް އެ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިފައެވެ.