14 Jul 2016, 13:57
ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީއާއި ނަސްދަގް ދުބާއީއާ ގުޅިގެން ކޯޕަރޭޓް ގަވަނެންސާ ބެހޭ ވޯކްޝޮޕެއް ފަށައިފި އެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ވޯކްޝޮޕަކީ ކޯޕަރޭޓް ގަވަނެންސް ނުވަތަ ވިޔަފާރި ކުންފުނިތައް ހިންގާ އުސޫލު ހަރުދަނާ ކުރުމާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕުގައި ކުންފުނީގެ ޑިރެކްޓަރުންގެ މަސްއޫލިއްޔަތުތަކާއި، ލީގަލް ފްރޭމްވޯކާއި ކޯޕަރެޓް ގަވަނަންސް ގައިޑްލައިންތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ އެވެ.
މީގެ އިތުރުން ކުންފުނީގެ މައްސަލަތައް ހައްލު ކުރުމުގައި ކުންފުނީގެ މިނިވަން ޑިރެކްޓަރުންނާއި އެގްޒެކެޓިވް ޑިރެކްޓަރުންގެ ދައުރާއި، ކުންފުނީގެ ބޯޑުތަކުގެ ޕަފޯމަންސް ފަދަ ކަންކަމާ ބެހޭ މައުލޫމާތު ވެސް ދެވޭނެ އެވެ.
ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއެމްޑީއޭގެ ސީއީއޯ އަހްމަދު ނަސީރު ވިދާޅުވީ ރާއްޖޭގައި ޕަބްލިކް ސެކްޓަރަށް ވުރެ ޕްރައިވެޓް ސެކްޓަރު ފުޅާ ކަމުން، އެ ސެކްޓަރުގެ ބޮޑު ކުންފުންޏަކަށް އަންނަ ކޮންމެ ހުރަހަކާއި ހީނަރުކަމަކީ މުޅި އިގްތިސާދަށް އަންނަ ހީނަރުކަމެއް ކަމަށެވެ.
ނަސީރު ވިދާޅުވީ ގިނަ ކުންފުނިތަކެއްގައި ގައުމީ މަސްލަހަތު ހިމެނޭ ކަމުން، އެ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.
މިއަދު ފެށި ވޯކްޝޮޕު ފެސިލިޓޭޓު ކޮށްދެނެނީ ދުބާއީގެ ކެޕިޓަލް އެޑްވާންޓޭޖް ކޮންސަލްޓަންޓްސްގެ މެނޭޖިން ޑިރެކްޓަރު ޝެރޮން ޑިޗްބާން އެވެ.
"21 ވަނަ ގަރުނުގެ ލީޑަރުންނަށް ކޯޕަރޭޓް ގަވަނަންސް"ގެ ނަމުގައި ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ އިދާރާތަކާއި، ސަރުކާރު އަދި ޕްރައިވެޓް ކުންފުނިތަކުން 40 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ.