އިރުއެރީ އެ ހަބަރާއެކު އެވެ؛ "އަނެއްކާ މަރުވެފައި އޮތް ކުއްޖަކު ފެނިޖެއްއެއެއްނު؟" ރައްޓެއްސަކު ހެނދުނު ގުޅައިފަ ބުންޏެވެ. މިފަހަރު މަރާލުމަށްފަހު، އެއްވެސް ކުލުނެއް ނެތި އެއްލައިލައިފަ އޮތް ތުއްތު ކުއްޖަކު ފެނުނީ ހުޅުމާލެއިންނެވެ. ބަނޑަށް ނުވަ މަހުގައި އެބޯޓްކޮށްފައި ކަމަށް ބެލެވޭ އެ ކުއްޖާ ވެސް އޮތީ ފޫޅުދަނޑިއާ މަހާއެކު އެވެ. ކަރުގައި ޖަނގިޔާއެއްޗެއް ބަނދެ، ހާސްކޮށްލަން މަސައްކަތްކޮށްފައި ހުރި ކަމަށް ވެސް ބެލެވެ އެވެ.

މިއީ މަރާލުމަށްފަހު އެއްލައިލައިފަ އޮއްވާ މިމަހު ފެނުނު ތިން ވަނަ ކުއްޖާ އެވެ. ފުރަތަމަ ކުއްޖާ ފެނުނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ދެވަނަ ކުއްޖާ ފެނުނީ މީގެ 48 ގަޑިއިރު ކުރިންނެވެ.

ތުއްތު ކުދިން މަރާލައިފަ އެއްލާލުމުގެ މި ސިލްސިލާއެއް ފެށިފައިވަނީ، މިމަހުގެ ފަސް ވަނަ ދުވަހު މާލެ ޓްރެކް ސަރަހައްދުން ފެނުނު އަންހެން ކުއްޖާއާ އެކު އެވެ. ބަނޑަށް ހަ މަހުގައި އެބޯޓްކޮށްލައިފައިވާ ކަމަށް ބެލެވޭ އެ ތުއްތު ކުއްޖާ އޮތީ ފޫޅާއި މަސްގަނޑާއެކު ކޮތަޅަކަށްލާ މޫދަށް އެއްލާލައިފަ އެވެ. އެކުއްޖާގެ ހަށިގަނޑު ފެނުނީ ފަތަން ގޮސް އުޅުނު ފުލުހަކަށެވެ. މޫދުން ނެގިއިރު ކުއްޖާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފާޅުވާން ހުއްޓެވެ.

"ހީވަނީ އެކުއްޖާ މަރައިލައިފަހެން އޮތީ. އަތުގެ ތިން ތަނެއްގައި ހުރި ވަޅި އަޅައިފަ. ދެން ކަކުލުގައާ އެއްކޮށް. މިއަދުހެން ބޮޑަށް ލަފާކުރެވެނީ ]އެއްލައިލައިފަ އޮތީ[. އެއީ ކުއްޖާ ނެގީމަ އަތުންވެސް ފައިންވެސް ކޮންމެވެސް ވަރަކަށް ލޭ ބޭރަށް އައިސް އައިސް ހުރީ،" އެކުއްޖާ މޫދު ނެގި މުހައްމަދު ޝާހިދު ބުންޏެވެ.

ފުލުުހުން ވެސް ބުނެފައިވަނީ، އެކުއްޖާގެ ހަށިގަނޑުން އަނިޔާކޮށްފައިވާ ކަމުގެ ހެކިތަކެއް ހުރި ކަމަށެވެ. އަދި އެ މައްސަލަ ދިޔައީ ތަހުގީގުކުރަމުންނެވެ. ނަމަވެސް، އެ މައްސަލައިން އިތުރު ކުރިއެރުމެއް ނުލިބިގެން އުޅެނިކޮށް، އެފަދަ ދެވަނަ ހާސިދާގެ ރިޕޯޓް ފުލުހުންނަށް ލިބުނެ އެވެ. މިފަހަރު ކުއްޖާ އޮތީ، ކޯސްޓް ހުސްކުރި ދަޅަކަށް ލާ ވިލިމާލެ ވަލުތެރެއަށް އެއްލައިލައިފަ އެވެ. ބަނޑަށް ހަމަހުގައި އެބޯޓްކޮށްފައިވާ ކަމަށް ބެލެވޭ އެ ފިރިހެން ކުއްޖާގެ ހަށިގަނޑުންވެސް ޒަހަމްތައް ފެންނަން ހުރި ކަމަށް ފުލުހުން ބުންޏެވެ.

އެ ދެކުދިންގެ މަރުގެ ހަބަރުން އަރައިނުގަނެވިގެން އުޅެނިކޮށް މިއަދު މި އިވުނީ ތިން ވަނަ ކުއްޖަކު މަރާލުމަށްފަހު އެއްލާލައިފަ އޮތް ވާހަކަ އެވެ. އެ ކުދިންގެ މަރުގެ ހަބަރުން ގިނަ ބަޔަކު ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ. އިސްލާމިކް މިނިސްޓްރީއާއި ޖެންޑާ ޑިޕާޓްމަންޓުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އަދި ފުލުހުން ވެސް ވަނީ ވަރަށް ސީރިއަސްކޮށް އެ މައްސަލަތައް ބަލައި ތަހުގީގުކުރަން ފަށައިފަ އެވެ.

ރާއްޖޭގައި ދޭތެރެ ދޭތެރެއިން ވިހައިފަ އެއްލާލައިފަ ތިބޭ ކުދިން ފެނެ އެވެ. ގިނަ ފަހަރު އެކުދިންވަނީ އެބޯޓްކޮށްލައިފައިވާ ދަރިންނަށެވެ. ސަލާމަތްވީ އެންމެ ކުއްޖެކެވެ. އެއީ މިދިޔަ އަހަރު ފަހުކޮޅު ހުޅުމާލެ އަތިރިމައްޗަށް އެއްލައިލައިފަ އޮތް އަންހެން ކުއްޖާ އެވެ. ފޫޅުދަނޑިވެސް ވަކިނުކޮށް އޮތް އެކުއްޖާ ސަލާމަތް ކުރެވުނީ ދެރަ ގޮތެއް ކުއްޖާއަށް ދިމާވުމުގެ ކުރިން ބަޔަކަށް ކުއްޖާ ފެނިގެންނެވެ.

މަރާލުމަށްފަހު ކުދިން އެއްލާލަނީ ކޮން ބަޔެއްކަން ނުހޯނުދަސް، މިއަދު އަނެއްކާވެސް މި މައްސަލައިގެ އާ ކުރިއެރުމެއް ވަނީ ލިބިފަ އެވެ. މީހުންގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެ އެވެ. މީޑިއާތަކުން ފުންކޮށް އެ ހަބަރުތައް ކަވަރުކުރަން ފަށައިފި އެވެ. ކަންބޮޑުވުމާ ހާސްކަމުގެ ތެރެއިން، އެފަދަ ހިތާމަވެރި ހާދިސާތައް މަދުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ގައުމީ ބަހުސެއް ފެށިއްޖެ އެވެ.