14 Jul 2016, 11:34
ޓެކްސީތަކުގައި ދަތުރު ކުރާ ފަސިންޖަރުންގެ އަތްދަބަސް ނޫނީ ވޮލެޓް ނޫނީ ފޯނު ބޭއްވި، އެތަކެތި ނުފެނިގެން ހުށަހަޅާ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އެފަދަ މައްސަލަތައް އިތުރުވަމުން އައި ނަމަވެސް އެ ފަސިންޖަރަކު ދަތުރު ކުރި ޓެކްސީގެ މައުލޫމާތު ނޭނގުމާއި ޓެކްސީ އަކީ ކޮން ސެންޓަރެއްގެ ޓެކްސީއެއްކަން ނޭނގުމުގެ ސަބަބުން ދަތުރަށް ގިނައިރުތަކެއްވާ ފަހުން މައްސަލަ ހުށަހެޅުމުން ގެއްލިގެން އުޅޭ ތަކެތި ހޯދައި ގަތުމުގައި ދަތިތައް ކުރިމަތިވާކަން ފާހަގަ ކުރެވެވިފައިވާ ކަމަށެވެ.
އަދި ޓެކްސީ އަށް މީހުން އަރާ ފައިބާ ކޮންމެ ފަހަރަކު އެއިން ދަތުރުކުރި މީހުން ދޫކޮށްފައިދިޔަ ތަކެތި ދެނެގަތުމަށް ނުވަތަ އެމީހުން ހަނދާން ނެތިގެން އެއްޗެއް ޓެކްސީގައި ބޭއްވުނުތޯ ބެލުމަކީ ދަތިކަމެއް ކަމަށް ޓެކްސީ ޑްރައިވަރުން ވެސް ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
"ދަތުރެއް ނިމި އެއްބަޔަކު ޓެކްސީން ފައިބާއިރު އަނެއްކާވެސް އަނެއް ބަޔަކު ހަމަ އެ ޓެކްސީއަށް ދަތުރަށް އަރައެވެ. އެހެންކަމުން ޓެކްސީއަށް ބަޔަކު އެއްޗެއް ދޫކޮށްފައި ދިޔަސް ދެން އެރިބަޔަކު އެ ޓެކްސީން އެއްޗެއް ނެގިޔަސް ދެނެގަތުމަކީ ފަސޭހަ ކަމަކަށް ނުވާކަން މިފަދަ މައްސަލަތަކާ ގުޅިގެން ބެލި ބެލުންތަކުން އެނގިގެން ދެއެވެ." ފުލުހުން ބުނެފައިވެ އެވެ.
އެހެންކަމުން ހަނދާން ނެތިގެން ނަމަވެސް ނުވަތަ ނޭނގިނަމަވެސް ޓެކްސީ ތަކުގައި ބޭއްވޭ އަގުބޮޑު ތަކެތި ހޯދުމުގައި ބޮޑެތި ދަތިތައް ކުރިމަތިވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
ފުލުހުން ވަނީ ޓެކްސީތަކުގައި ދަތުރުކުރާ މީހުން، މިހާރަށްވުރެ ބޮޑަށް އެފަދަ ކަންކަމަށް ސަމާލުކަންދީ، ޓެކްސީ އިން ފޭބުމުގެ ކުރިން ކޮންމެ މީހަކުވެސް އެ މީހެއްގެ ފޯނާއި އަތްދަބަހާއި ވޮލެޓްފަދަ ތަކެތި ނޫނީ އެނޫންވެސް އެއްޗެއް ޓެކްސީއަށް ދޫކޮށްފައި ދެވޭތޯ ބެލުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި ޓެކްސީ ސެންޓަރަކަށް ގުޅައިގެން ގެންނަ ޓެކްސީއެއްގެ އިތުރުން މަގުމަތިން ހުއްޓުވައިގެން އަރާ ޓެކްސީއަކީ ވެސް ކޮން ސެންޓަރެއްގެ ޓެކްސީއެއްކަން ނުވަތަ ކޮންފަރާތެއްގެ ޓެކްސީއެއްކަން ބެލުމަކީ ގެއްލިގެންދާ އެއްޗެއް ހޯދައިގަތުމަށް ލިބިގެންދާ ފަސޭހައެއް ކަމަށް ފުލުހުން ބުނެ އެވެ.