މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ވަރަށް ފުރިހަމަ ވެއްޖެ އެވެ. ރާއްޖޭގެ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެކުލެވޭ މާޒިޔާގެ ޓީމާ އެންމެ ފަހުން ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ގުޅިއްޖެ އެވެ. ދިވެހި ފުޓްބޯޅައިގެ ތެރެއަށް އަލުން ދަގަނޑޭ އަތުވެއްޖެ އެވެ.

ދަގަނޑޭއޭ ބުނުމުން ރާއްޖޭގެ ކޮންމެ މީހަކަށް ވެސް އެއީ ކޮން ކުޅުންތެރިއެއް ކަން އެނގޭނެ އެވެ. އޭނާގެ ފެންވަރު ރާއްޖޭގެ ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ. އެއީ ގައުމީ ޓީމު ކުޅޭ މެޗެއްގައި އެ ނަމުން ދަނޑުތެރެ ގުގުމާލާ ނަމެވެ.

ޕީޑީއާރުއެމް އިން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ދަނގަޑޭ ހެރީ ކޭންއާ ސަލާން ކުރަނީ ---

ގަލޮޅު ދަނޑުން ދަގަނޑޭ އެންމެ ފުރަތަމަ ފެނިގެންދިޔައީ 2001 ވަނަ އަހަރު ކްލަބު ވެލެންސިއާގެ ޖާޒީގައެވެ. ވެލެންސިއާގެ ރަން ޒަމާނުގައި އުމުރުން އެންމެ 16 އަހަރުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭރު ވެސް ފެނުނީ ޑިފެންޑަރުންނަށް ނުރައްކަލެއްގެ ގޮތުގައެވެ. އެ އަހަރުން ފެށިގެން 2005 ވަނަ އަހަރުގެ ނިޔަލަށް ވެލެންސިއާގެ ޖާޒީގައި އޭނާ ފެނިގެންދިޔަ އިރު، އެ މުއްދަތުގެ ތެރޭގައި އެ ކްލަބަށް 100 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.

ދަގަނޑޭ ވަނީ ވެލެންސިއާއާއެކު ހަތަރު ފަހަރު ދިވެހި ލީގު ހޯދައި، 2004 ވަނަ އަހަރުގެ އެފްއޭ ކަޕް ހޯދައި، 2004 އަދި 2005 ވަނަ އަހަރު ކަޕް ވިނާސް ކަޕް އަދި 2001 ވަނަ އަހަރުގެ ޕޮމިސް ކަޕް ހޯދައިފަ އެވެ.

ގައުމީ ޓީމުގައި ދަގަނޑޭ ފުރަތަމަ ހިމަނާފައިވަނީ އޭނާ އުމުރުން 18 އަހަރުގައެވެ. ގައުމީ ޓީމަށް 50 ލަނޑު ޖަހާފައިވާ ދަގަނޑޭ އަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފައިވަނީ އޭނާ އަށެވެ. އޭގެ އިތުރުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޯދި އިރު، ގައުމީ ޓީމުގެ ކެޕްޓަނަކީ ދަގަނޑޭ އެވެ.

ކުޑަކުދިންނާ އެކު ބޭއްވި ކުޑަކުދިންގެ ހަވީރެއްގެ ތެރޭގައި ދަގަނޑޭ -- ސަންފޮޓޯ/ އަލީ ނަސީރު

ވެލެންސިއާ އިން ވިދާލުމަށްފަހު 2006 އިން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް ދަގަނޑޭ ފެނިގެންދިޔައީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. އޭރު އެ ކްލަބާއެކު ދަގަނޑޭ ވަނީ 2006ގެ ދިވެހި ލީގާއި، 2006 އާއި 2007ގެ އެފްއޭ ކަޕާއި، 2007ގެ ގައުމީ މުބާރާތް އަދި އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދައިފަ އެވެ. އޭނާ ވަނީ އެ މުއްދަތުގެ ތެރޭގައި އެ ކްލަބަށް 40 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ނިއުގައި ވިދާލި ދުވަސްތަކުގެ ތެރެއިން 2007 ވަނަ އަހަރުގެ ފަހުކޮޅު ދެ މަސް ދުވަހަށް މެލޭޝިއަން ސުޕަރ ލީގުގެ ކްލަބު ބްރުނާއީ ޑީޕީއެމްއެމް އެފްސީ އަށް ދަގަނޑޭ ވަނީ ކުޅެފަ އެވެ. އޭނާ އެ ކްލަބަށް ކުޅުނު ހަތް މެޗުން ދެ ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.

އެއަށްފަހު ދެން ދަގަނޑޭ ފެނިގެންދިޔައީ ވީބީ ސްޕޯޓްސް ކްލަބުންނެވެ. އެ ކްލަބަށް 2008 އިން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް ކުޅުނު އިރު، ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. ވީބީއާއެކު ދަގަނޑޭ ވަނީ ތިން ފަހަރު ދިވެހި ލީގު ހޯދައި، ދެ ފަހަރު ޗެރިޓީ ޝީލްޑް ހޯދައި، ދެ ފަހަރު އެފްއޭ ކަޕް އަދި 2010ގެ ގައުމީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ އެ ކްލަބަށް ޖެހި ލަނޑުގެ އަދަދު 100އާ ގާތްކުރެ އެވެ.

ވީބީ ދޫކޮށްލުމަށްފަހު، 2012 ވަނަ އަހަރު އަލުން އޭނާ ނިއުއާ ގުޅުނެވެ. އޭރު ދަގަނޑޭ ވަނީ އެ ކްލަބާއެކު 2013ގެ ޗެރިޓީ ޝީލްޑާއި، 2012 އާއި 2013ގެ ދިވެހި ލީގާއި، 2012 އާއި 2013ގެ ގައުމީ މުބާރާތް އަދި 2013ގެ އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. ނިއު އިން 2013 ވަނަ އަހަރުގެ ހުރިހާ ލޯކަލް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި އިރު، އެ ޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. އެ މުއްދަތުގެ ތެރޭގައި ނިއު އަށް އޭނާ 66 ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.

ޕީޑީއާރްއެމް އަށް ދަގަނޑޭ ކުޅުނު މެޗެއްގައި ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޝިއާނާ އެމްވައި

ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރްއެމް)އާ ދަގަނޑޭ ގުޅުނީ 2014 ވަނަ އަހަރު އެވެ. ޕީޑީއާރްއެމްއާއެކު މެލޭޝިއާ ޕްރިމިއާ ލީގު 2014 ވަނަ އަހަރު ކާމިޔާބުކޮށް، ރާއްޖޭން ބޭރު ކްލަބަކާއެކު ތަށްޓެއް ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާ އަށް ދަގަނޑޭ ވަނީ ވެފަ އެވެ. އެ އަހަރު މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ އަށް ވަނީ ލިބިފަ އެވެ. ޕީޑީއާރްއެމްއާއެކު 2015 ވަނަ އަހަރުގެ މެލޭޝިއާ ސުޕަރ ލީގުގައި ވެސް ދަގަނޑޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. އެ އަހަރު މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ތިން ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ ހިމެނުނެވެ.

މި އަހަރުގެ މެއި މަހު ޕީޑީއާރްއެމްއާއެކު ދަގަނޑޭ ހަދާފައިވާ އެއްބަސްވުން އުވާލާފައިވަނީ އޭނާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށް ބުނެ އެވެ. ޕީޑީއާރްއެމް އަށް އޭނާ ވަނީ 45 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ރާއްޖޭގެ ރެކޯޑު އަގަކަށް އިއްޔެ މާޒިޔާއާ ގުޅުނު ދަގަނޑޭ އަކީ އެ ކްލަބުގައި ވެސް ކާމިޔާބީތަކެއް ހޯދިދާނެ ފެންވަރުގެ ކުޅުންތެރިއެކެވެ. އުމުރުން 30 އަހަރު ފޯވަޑަށް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެކުލެވޭ މާޒިޔާއާއެކު މި އަހަރު ހޯދާނެ ކާމިޔާބީތަކަށް ދެން އިންތިޒާރުކޮށްލަމާ ހިނގާށެވެ.