14 Jul 2016, 09:30
ކާނިވާ ސަރަހައްދުގައި މިރޭ ޖަލްސާ ބޭއްވުމަށް އެމްޑީޕީ އަށް ދިން ހުއްދަ ހައުސިން މިނިސްޓްރީ އިން ބާތިލުކޮށްފި އެވެ.
މިއަދު ހައުސިން މިނިސްޓްރީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީގައި އެދިފައި ވަނީ މިރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު އެމްޑީޕީގެ ބައްދަލުވުމެއް ބޭއްވުމުގެ ހުއްދައަށް ކަމަށެވެ.
ނަމަވެސް ބައްދަލުވުން ބާއްވަން ތައްޔާރުވަނީ އިދިކޮޅު އިއްތިހާދު ކުޔާ "ޣައިރު ޤާނޫނީ" ޖަމާއަތަކުން ކަމަށާއި، އަދި އެ ޖަލްސާ އަކީ ޣައިރު ގާނޫނީ ޖަލްސާއަކަށް ވާތީ ހުއްދަ އަނބުރާ ގެނެސްފައިވާ ކަމަށެވެ.
އެމްޑީޕީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ވެސް، ޖަލްސާ ބޭއްވުމުގެ ހުއްދަ ދޫކުރުމަށް އެދި ހައުސިންގައި އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިއްޔެ އެމްޑީޕީއަށް ހުއްދަ ދޫކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސިޔާސީ ހަރަކާތް ހިންގައި ސުލްހަވެރި ބައްދަލުވުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.
"އެމްޑީޕީ އިން ޖަލްސާއެއް ބޭއްވުމަށް ހުއްދަ، ނޫނީ ބިން ދޫކުރުމަށް އެދުނު އެދިލެއްވުމާ އެއްގޮތަށް އަޅުގަނޑުމެން ހުއްދަ ދިނިން އިއްޔެ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑީޕީ އަށް ފޮނުވި ސިޓީގައި އެމްޑީޕީގެ ޖަލްސާއަށް ފުރުސަތުދޭ ކަމާއި، ސަރުކާރުން ގެޒެޓުކޮށްފައިވާ ސަރުކާރުގެ ބިންތައް ދޫކުރުމާއި ބެހޭ ގަވާއިދާ އެއްގޮތް ކުރިއަށް ގެންދިއުމަށް އަންގާފައިވާނެ ކަމަށެވެ.
އަދި ޖަލްސާ ކުރިއަށް ގެންދެވޭނީ ހުއްދަ ދޫކުރި ފަރާތް ކަމަށްވާ، އެމްޑީޕީއަށް ކަމަށާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރާނަމަ ހުއްދަ އަނބުރާ ގެންދާނެ ކަން އެމްޑީޕީ އަށް އަންގާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ހުއްދަ ދިނުމުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުންނާއި އަދި އެމްޑީޕީގެ އޮފީހުގައި ނޫސް ކޮންފަރެންސެއް ބޭއްވިގެން ދިޔަތަން ގުޅިފައިވާ އިއްތިހާދު ކިޔާ ބަޔަކު ސަރުކާރާ ދެކޮޅަށް ނޫނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ ދެކޮޅަށް، ސަރުކާރު ބަދަލު ކުރުމަށް ޣައިރު ގާނޫނީ ބޭނުންތަކަކަށް ތަން ލިބިއްޖެ ކަމާއި ހުރިހާ އެންމެން އައުމަށް ހިތްވަރުދީ ގޮވާލަމުން ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓްގެ ސްކްރީންޝޮޓެއް --
މިނިސްޓަރު ވިދާޅުވީ ސުލްހަވެރި ކަމާއެކު ސިޔާސީ ޕާޓީއަކުން ބައްދަލުވުން ބާއްވަން ސަރުކާރުން ތަރުހީބު ދޭކަމަށާއި ނަމަވެސް ހުއްދަ ދިން ފަރާތުން އެ މަގުސަދާ ހިލާފުވާ ގޮތަށް ސަރުކާރު ބަދަލު ކުރުމަށް އޮންނަ އުސޫލުތަކާ ހިލާފަށް ސަރުކާރު ބަދަލުކޮށް ގައުމުގެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް ކަމެއް ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ.
"ސުލްހަވެރިކަން ގެއްލޭ ގޮތަކަށް ހިތްވަރުދީ ކަންތައްތަކެއް ކުރަމުން ދިއުމަކީ ގައުމުގެ އާންމު މަސްލަހަތު އެކަމުގައި ގެއްލިގެން ދާނެ ކަމަކަށް ވާތީ، ގާނޫނުތަކާ ގަވާއިދުތަކުން ހުއްދަ ކުރާނެ ކަމަކަށް ނުވާނެތީ، ސަރުކާރުން ގެޒެޓުކޮށްފައިވާ ގަވާއިދުތަކާ އަދި ސިޓީގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ ވެސް ހިލާފު ކަމަކަށް ވާތީ އަޅުގަނޑުމެން ވާނީ ރޭގަ އެ ހުއްދަ އަނބުރާ ގެނެސްފައި. އެމްޑީޕީ އަށް އަންގާފައި. އަޅުގަނޑުމެންގެ ހުއްދަ އެއް މިހާރު ނެތް އެތާ ބައްދަލުވުން ބާއްވާކަށެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިއްތިހާދަކީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައި ބޮޑީއެއް ނޫން ކަމަށާއި، އެހެންކަމުން އެފަރާތަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް އިލެކްޝަނުން ވެސް ތާއީދު ނުކުރާ ކަމަށެވެ.
އަދި ގުޅިފައިވާ އިއްތިހާދަކީ ޣައިރު ގާނޫނީ ގޮތުން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށާއި، ޣައިރު ގާނޫނީ ޖަލްސާއެއް ބާއްވަން ދިވެހިރާއްޖޭގެ ބިމުގެ އެންމެ އިންޗިއެއް ވެސް ނުދޭނެ ކަމަށެވެ.