22 May 2011, 17:19
ޖަލުތަކުގައި ގައިދީންނަށް ކޮށްފައިވާ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުގެ ޝަކުވާ ބަލައިގަތުމުގެ ހާއްސަ އޮފީހެއް ގާއިމުކޮށް އެފަދަ ޝަކުވާތައް ބަލައިގަންނަ ފަށާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ފުލުސް އިސްޕެކްޓާ މުހައްމަދު ރިޔާޒް ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ބަންދު ކުރި ގައިދީންނަށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާ ލާއިންސާނީ އަދަބުދީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި ގުޅިގެން ފުލުހުން ހޯދި ހޯދުންތަކުން މި އަމަލުތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރޭވިފައިވާ ނިޒާމެއްގެ ދަށުން ދިގު މުއްދަކަށް ހިންގާފައިވާ އަނިޔާތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ހުރިހާ މައްސަލައެއްގެ ތަހުގީގު ކުރުމަށް، އެ ޝަކުވާތައް ބަލައި ގަތުމަށް ގާއިމު ކުރި ހާއްސަ އޮފީސް ހުންނާނީ ވެލާނާގޭ 12 ވަނަ ބުރީގައި ކަމަށެވެ.
ފުލުހުން މިއަދު ބުނީ ޖަލުގައި އަނިޔާ ލިބިފައިވާ ހުރިހާ ފަރާތްތަކެއްގެ މައުލޫމާތު ރިކޯޑް ކުރެވި ފެންނަން ނެތުމަކީ އެކށީގެންވާ ކަމެއް ކަމަށާއި މުޖުތަމައުގެ ތެރޭގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާ ލިބި، އޭރުގެ މާހައުލު އޮތް ގޮތުން ޝަކުވާ އުފުލައި އިންސާފު ހޯދުމުގެ ފުރުސަތު ތަނަވަސްވެފައި އޮތް ކަމަށް ނުބެލޭ ކަމަށެވެ.
"މި މައްސަލައާ ގުޅިގެން މިފަދަ ހާދިސާތައް ދިމާވަފެއިވާ ހުރިހާ ފާތްތަކެއްގެ މައުލޫމާ ހޯދަން ފުލުހުން ބޭނުންވޭ، މި މައްސަލަތައް އެންމެ ފުރިހަމަ ގޮތުގައި ތަހުގީގު ކުރުމަށްޓަކައި،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުގައި ބަންދު ކުރި މީހުންގެ ތެރެއިން ޝަރީއަތުގެ ހުކުމުގެ ބޭރުން އަދަބު ލިބިފައިވާ ފަރާތްތަކާއި ހުކުމް ތަންފީޒު ކުރުމުގައި ޖަލުގައި ލާއިންސާނީ އަދި އަނިޔާވެރި އަދަބުތައް ލިބުނު ފަރާތްތަކާއި ތަހުގީގު ކުރުމުގެ މަސްއޫލިއްޔަތާ ހަވާލުވެ ތިބި ފަރާތްތަކުން ނުރުހުމުގައި މަޖުބޫރު އަރުވަލާފާއިވާ ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރުމަށް ގޮވާލާ ކަމަށެވެ. ޖަލުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި އަނިޔާތައް ކަމަށް ބެލެވޭ މައުލޫމާތު ހުރި ފަރާތައް އެކަން ހިސާ ކުރާއިރު އެފަދަ ހުރިހާ ފަރާތްތަކަށް ދޭންޖެހޭ ހިމަޔާތާ ރައްކާތެރިކަން ފުލުހުން ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުން ވެލާނާގޭގައި ގާއިމު ކުރި އޮފީސްހަށް ޝަކުވާގެ ލިޔުން ފެކްސް ކުރާނެ ނަމްބަރެއް ވެސް ފުލުހުން އާންމު ކުރި އެވެ. އެއީ 3350586 މި ނަމްބަރެވެ. ފުލުހުން ބުނީ ރަށްރަށުގައި ހުންނަ ފުލުސް މަރުކަޒުތަކުން ވެސް އަނިޔާގެ ޝަކުވާ ބަލައިގަންނާނެ ކަމަށެވެ.