14 Jul 2016, 09:31
ސައުތު އޭޝިއަން ޓޭބަލް ޓެނިސް ޖޫނިއާ ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ ޒުވާން ގައުމީ ޓޭބަލް ޓެނިސް ޓީމު ޕާކިސްތާނަށް ފުރައިފި އެވެ.
ސައުތު އޭޝިއަން ޓޭބަލް ޓެނިސް ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް މިއަދު ހެނދުނު ފުރި ރާއްޖޭގެ ޓީމުގައި ހިމެނެނީ ފިރިހެން ތިން ކުޅުންތެރިންނާއި އަންހެން ތިން ކުޅުންތެރިންނެވެ.
މިއަދު ޕާކިސްތާނަށް ފުރި ޓީމުގައި ހިމެނުނު ފިރިހެން ކުޅުންތެރިންނަކީ މުހައްމަދު ޝައްފާނާއި، ނިބްރާޒް މުހައްމަދު ޝަފީގް އަދި އަހްމަދު ޒައިދާން މުހައްމަދެވެ. އަންހެން ކުޅުންތެރިންނަކީ އައިޝަތު ރަފާ ނާޒިމް އާއި، ލައިސާ ފަތުހުﷲ އަދި އައިމިނަތު މަލީޝާ މުއާޒެވެ.
ސައުތު އޭޝިއަން ޓޭބަލް ޓެނިސް ޖޫނިއާ ޗެމްޕިއަންޝިޕް ކުރިއަށްދާނީ މި މަހުގެ 15 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާނުގެ ކަރާޗީގައެވެ.