ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އަކީ ސްޕެއިންގެ ރެއާލް މެޑްރިޑުން ވަރަށް ބޭނުންވާނެ ކުޅުންތެރިއެއް ކަމަށް އެ ކްލަބުގެ ކުރީގެ ލެޖެންޑް ރައުލް ބުނެފި އެވެ.

ޔުވެންޓަސްއާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން 2019 ވަނަ އަހަރު ހަމަވާން އޮތް ނަމަވެސް، ޔޫރަޕުގެ ބޮޑެތި ކްލަބުތަކަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދެ އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް ހިމެނެ އެވެ.

"ޕޮގްބާ އަކީ ރެއާލްގެ ކުޅުންތެރިޔަކަށް ހަދަން އެ ކްލަބުން ވަރަށް ބޭނުންވާނެ. ކޮންމެ ޓީމަކުން ވެސް ބޭނުންވާނެ. ޕޮގްބާ އަކީ މޮޅު ކުޅުންތެރިއެއް. އޭނާއާ އެކު މިހާރުގެ ޓީމު ރަނގަޅު ކުރަން ކުޅެން ޖެހޭނެ ގޮތް ކޯޗު މިހާރު ވާނީ ބަލާފައި. އެކަމަކު އޭނާގެ އަގަށް ވެސް ބަލަން ޖެހޭ،"އޭއެސްއަށް ދިން އިންޓަވިއުއެއްގައި ރައުލް ބުންޏެވެ.

ރައުލް އަކީ ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާންއާ އެކު އެ ކްލަބަށް ކުޅުނު ކުޅުންތެރިއެކެވެ. ކޯޗެއްގެ ގޮތުގައި ޒިދާން ހޯދަމުންދާ ކާމިޔާބަށް ރައުލް ވަނީ ތައުރީފު ކޮށްފަ އެވެ.

"އަހަރެން އެކުގައި ކުޅުނު އިރު ޒިދާން އަކީ ކޯޗެއްގެ ގޮތުގައެއް ނުފެނުނު. އެކަމަކު ކްލަބުގެ އެކި ދިމަދިމާގައި މަސައްކަތްކޮށް، ކާލޯ އެންޗެލޮޓީއާ އެކު މަސައްކަތްކޮށް، ކަސްޓިލާ އަށް ކޯޗުކޮށްދިނުމަށް ފުރުސަތު ލިބުމުން އޭނާގެ ގައިގައި އެ ކަންތައްތައް އެކުލެވޭނެ. ކުޅުންތެރިންނަށް އިތުބާރުކޮށްގެން ކުރިއަށް ދިއުމަކީ ކާމިޔާބީގެ ތަޅުދަނޑި،" އޭނާ ބުންޏެވެ.

ޒިދާންގެ އިރުޝާދުގެ ދަށުން ރެއާލުން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދައިފަ އެވެ.