14 Jul 2016, 09:03
ރާއްޖޭގެ މެރިން އިންޑަސްޓްރީގެ މަސައްކަތް ކުރާ ދިވެހި އަދި ބޭރުގެ ފަރާތްތަކުގެ ޕްރޮޑަކްޓްތައް އެގްޒިބިޓް ކުރުމުގެ ބޭނުމުގައި ލަވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)އިން 2014 ވަނަ އަހަރުން ފެށިގެން "މޯލްޑިވްސް މެރިން އެކްސްޕޯ"ގެ ނަމުގައި މައުރަޒެއް ކުރިޔަށް ގެންދެ އެވެ. ސެޕްޓެމްބަރު މަހު ހުޅުމާލޭގައި މޯލްޑިވްސް މެރިން އެކްސްޕޯ 2016 ބާއްވަން ރާވާފައިވާ އިރު، މި އަހަރުގެ މައުރަޒު އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ތަފާތުވެފައި، ފުރިހަމަ ވާނެ ކަމަށް ބެލެވެ އެވެ.
މެރިން އެކްސްޕޯއަކީ އޮޑި ދޯނިފަހަރު އުފައްދާ ފަރާތްތަކާ، މެރިން އިކުއިޕްމެންޓުތައް ވިއްކާ ފަރާތްތަކާ، އިންޝޫރަންސާއި ބޭންކިން ސާވިސްގެ އިތުރުން މެރިން އިންޑަސްޓްރީއަށް ބޭނުންވާ އެކި ޚިދުމަތްތަކާއި މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ބައިވެރިވުން ހުޅުވާލައިގެން ކުރިޔަށް ގެންދާ މައުރަޒެކެވެ.
ލޮކޭޝަން: ހުޅުމާލެ!
މިއަހަރު ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތިން ވަނަ އެޑިޝަން އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ އޭޕްރިލް މަހުގެ ތެރޭގައި، މާލޭ ދަރުބާރުގެއާއި އަމީނީ މަގުގަ އެވެ. އެހެން ނަމަވެސް މި މައުރަޒުގައި ދައްކާލާ ބައެއް ތަކެއްޗަކީ ބަރު ތަކެއްޗަށް ވެފައި ވަރުގަދަ ފްލޯރިންއެއް ބޭނުންވާތީ މައުރަޒު ބާއްވާ ތާރީޚު ސެޕްޓެމްބަރަށް ފަސްކޮށް، ލޮކޭޝަން ހުޅުމާލެއަށް ބަދަލު ކުރި އެވެ.
"މެރިން އެކްސްޕޯ މިވަނީ ތިން ވަނަ އަހަރަށް އައި އިރު ވަރަށް ބޮޑުތަން ބޮޑުވެފައި. މިހާރު އެކްސްޕޯގައި އެގްޒިބިޓުވާ މީހުންނާއި އެގްޒިބިޓު ކުރާ އެއްޗެއްސަކީ މާލޭގައި އެވަރުގެ ޖާގައެއްގައި އެގްޒިބިޓު ކުރެވޭނެ އެއްޗެއްސަށް ވުރެ މާ ބޮޑެތި އެއްޗެހި،" ބްލަކްގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް ސަންއަށް ވިދާޅުވި އެވެ.

މެރީން އެކްސްޕޯއާ ބެހޭ ގޮތުން ބްލަކްގެ އެމްޑީ ހުޝާމް ސަންއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އެހެންކަމުން، ހުޅުމާލެއަށް ލޮކޭޝަން ޗޭންޖުކޮށް، ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރިން އެއްގަމުން ބޮޑު ސަރަހައްދަކާއި ހުޅުމާލޭ ވޯޓާފްރަންޓުގެ ބޮޑު ސަރަހައްދެއް މައުރަޒުގައި މި ފަހަރު ބޭނުންކުރާނެ ކަމަށް ހުޝާމް ވިދާޅުވި އެވެ.
އެކްސްޕޯގެ ހަވާސާގައި ޚާއްސަ ތިން އިވެންޓެއް!
ބްލަކްއިން މައުލޫމާތުދޭ ގޮތުގައި، މިއަހަރުގެ މައުރަޒު ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވޭނެ އާ ތިން ކަމެއް ހިމެނިގެން ދާނެ އެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ "މެރިން ޓޯކްސް"ގެ ނަމުގައި ކުރިޔަށް ގެންދާ ޓޯކްޝޯ އެކެވެ.
ބްލަކްއިން ބުނާ ގޮތުން މި ޓޯކްޝޯގައި މެރިން އިންޑަސްޓްރީގެ މާހިރުންނާއި ސްޕެޝަލިސްޓުންނާއި ކަނޑުދަތުރުގެ ދާއިރާއިން ޚާއްސަ ކާމިޔާބީތައް ހޯޑާފައިވާ ފަރާތްތަކުން، އެފަރާތްތަކުގެ ޚިޔާލުތަކާއި ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުން ފަދަ ކަންކަން ކުރިޔަށް ދާނެ އެވެ. މި ހަރަކާތް ކުރިޔަށް ދާނީ އައުޓްޑޯ ހަރަކާތެއްގެ ގޮތުގައި، މެރިން އެކްސްޕޯ 2016 ގެ އައުޓްޑޯ ސްޓޭޖުގަ އެވެ.
މެރިން އެކްސްޕޯ 2015 ގެ ތެރެއިން -- ފޮޓޯ/ ބްލަކް
މެރިން އެކްސްޕޯގެ ތެރެއިން މޫދު ކުޅިވަރު މުބާރާތެއް ކުރިޔަށް ގެންދިއުމަށް ބްލަކްއިން ރާވާފައިވެ އެވެ. މި މުބާރާތް ޚާއްސަ ވާނީ ރާއްޖޭގެ ވޯޓާ ސްޕޯޓްސް ޓްރޭނިން ފެސިލިޓީތަކާއި ރިސޯޓުތަކުގެ ރެކްރިއޭޝަން ސެންޓަރުތަކުގެ މެދުގައި ޖަހާ ވާދައެއްގެ ގޮތުގަ އެވެ. ބްލަކްއިން ބުނީ މި ހަރަކާތުގެ މަގްސަދަކީ މޫދު ކުޅިވަރަށް ފޯރިި ހުންނަ ފަރާތްތަކުން ބައިވެރިވެ، ވާދަކޮށް، ވަނަ ހޯދުމުގެ ފުރުސަތު ދިނުމެވެ.
މީގެ އިތުރުން މެރީން ޓޫރިޒަމްގެ ތީމްގައި އެކި ކަހަލަ ފަންނުވެރި އާޓްވޯކްތައް ދައްކާލެވޭނެ އާޓް ގެލެރީއެއްވެސް މި އަހަރުގެ މެރިން އެކްސްޕޯގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ކުރެހުންތެރިންނަށާއި ފޮޓޯގްރާފަރުންނަށާއި ޑިޖިޓަލް އާޓިސްޓުންނަށް އެ މީހުންގެ ހުނަރުވެރިކަން އެމީހުންގެ ފަންނުގެ ތެރެއިން ދައްކާލެވޭނެ ރަނުގެ ފުރުސަތެއް ކަމަށް ބްލަކްއިން ބުނެ އެވެ.
މެރިން އެކްސްޕޯ 2015 ގެ ތެރެއިން -- ފޮޓޯ/ ބްލަކް
އެކްސްޕޯގައި ފެންނާނީ ވިޔަފާރި މަރުކަޒެއް
މައުރަޒު އިންތިޒާމުކުރާ ބްލަކް ކުންފުނިން ބުނާ ގޮތުގައި، މެރިން އެކްސްޕޯ 2016 އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވަދެވޭނީ ވިޔަފާރީގެ ހަލަބޮލި މަރުކަޒަކަށެވެ. މައުރަޒުގެ އެގްޒިބިޓަރުންނާއި ކޯޕަރޭޓް ވިޒިޓަރުންނަށް ވިޔަފާރި ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމުތަކާއި ޕްރިންޓިން އަދި ފޮޓޯކޮޕީ ނެގުން ފަދަ ޚިދުމަތްތައް އެތަނުން ލިބޭނެ އެވެ.
ޒިޔާރަތް ކުރާ ފަރާތްތަކުގެ ދަބަސް ފަދަ ތަކެތި ބެހެއްޓޭނެ ލަގެޖް ސްޓޯރޭޖް ސަރަހައްދަކާއި، ކޮންސިއޭޖް ޚިދުމަތް ވެސް ލިބޭނެ އެވެ. އަދި ފޯނު ފަދަ އިލެކްޓްރޯނިކް ޑިވައިސް ޗާޖު ކުރެވޭނެ އިންތިޒާމާއި އެސަރަހައްދުން ހިލޭ ވައިފައި ލިބޭނެ އިންތިޒާމު ވެސް ބްލަކްއިން ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.
ބްލަކްއިން ބުނާ ގޮތުގައި މެރިން އެކްސްޕޯގެ އައުޓްޑޯ ސެކްޝަނުގައި ފިނި ބުއިންތައް ލިބޭ ޖޫސް ބާއެއް ހެދުމަށް ހަމަޖެހިފައިވާ އިރު، ވޯޓާ މިސްޓް ފޭންތަކެއް ބޭނުންކޮށްގެން މާހައުލު "ކޫލް" ކޮށްދޭނެ އެވެ.
ބައިވެރިވާ އެގްޒިބިޓަރުންނަށް އެވޯޑު ދެނީ
މެރިން އެކްސްޕޯގެ ތިންވަނަ އެޑިޝަން ބައްޓަން ކޮށްފައި ވަނީ، ބައިވެރިވާ އެގްޒިބިޓަރުންގެ ފަރާތުން ވިޒިޓަރުންގެ "ހިތް ފުރާލާނެ" ފަދަ އެގްޒިބިޓުތަކެއް ދައްކައިދިނުމަށް ބާރު އަޅާ ކަހަލަ ގޮތަކަށެވެ. އެގޮތުން ކުރިޔަށް އޮތް މައުރަޒުގައި އެގްޒިބިޓަރުންގެ ތެރެއިން ޚާއްސަ ތިން ވަނައެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
ބްލަކްއިން ބުނާ ގޮތުގައި ޖަޖުންގެ ޕެނަލަކުން ހުރިހާ އެގްޒިބިޓަރުންގެ ސްޓޯލެއް ވެސް ބަލައި، އިވެލުއޭޓު ކުރުުމަށްފަހު،އެންމެ ރީތި ޑިޒައިނެއް ދައްކުވައިދޭ ސްޓޯލާއި،އެންމެ ރަނގަޅު ކަސްޓަމާ ސާވިސްއެއް ފޯރުކޮށްދިން ސްޓޯލެއް ހޮވާނެ އެވެ.
މީގެ އިތުރުން، މައުރަޒުގައި އެންމެ އުފެއްދުންތެރި ޕްރޮޑަކްޓް ދައްކާލާ ފަރާތަށްބެސް އިނޮވޭޓިވް ޕްރޮޑަކްޓްގެ އެވޯޑު ވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ.
މެރިން އެކްސްޕޯ 2015 ގެ ތެރެއިން -- ފޮޓޯ/ ބްލަކް
އުންމީދު ބޮޑު!
މޯލްޑިވްސް މެރިން އެކްސްޕޯ 2014 ވަނަ އަހަރު އެންމެ ފުރަތަމަ ފަހަރަށް ބޭއްވީއްސުރެ މިހާތަނާ ޖެހެންދެން ބާއްވާފައި ވަނީ ބްލަކް ޕްރައިވެޓް ލިމިޓެޑުގެ ފުރިހަމަ އިންތިޒާމުތަކާ އެކުގަ އެވެ. މެރިން އެކްސްޕޯގެ ތިން ވަނަ އަހަރާ އެކުންފުނިން ކުރިމަތިލާ އެކު، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް ވިދާޅު ވަނީ ފުރަތަމަ އަހަރަށް ވުރެ ދެވަނަ އަހަރު ކަންކަން ރަނގަޅު ކުރަމުން ގޮސް ތިންވަނަ އަހަރާ ކުރިމަތިލަނީ ފޮނި އުންމީދުތަކަކާ އެކުގައި ކަމަށެވެ.
"ތިން ވަނަ އަހަރު ނިމޭ އިރު އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބަ އޮތް މި ރީޖަންގެ އެންމެ ފުރިހަމަ، އެންމެ ކާމިޔާބު މެރިން އެކްސްޕޯއަށް މި އެކްސްޕޯ ވެގެން ދާނެ ކަމަށް،"
"ރާއްޖެއަކީ 99 ޕަސަންޓް މޫދު ކަމުގައި ވާތީ، ރާއްޖެ އަށް ވުރެ ވަކި ރަނގަޅަށް މެރިން އެކްސްޕޯއެއް މި ސަރަހައްދުގައި ބޭއްވޭނެ ހެނެއް ހިއެއް ނުވޭ،" ހުޝާމް ވިދާޅުވި އެވެ.
މި އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން 30 ވަނަ ދުވަހަށް، ހުޅުމާލޭގަ އެވެ. އޭގެ ތެރެއިން ސެޕްޓެމްބަރު 27، 28 އަދި 29 ވަނަ ދުވަސް ޚާއްސަކުރެވިފައި ވަނީ ވިޔަފާރިވެރިންނަށެވެ. އަދި 30 ވަނަ ދުވަހަކީ އާންމުންނަށް ޒިޔާރަތް ކުރުމަށް ޚާއްސަ ކުރެވޭ ދުވަހެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރުކަމަށް ސަން އޮންލައިން ހަމަޖެއްސުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
މޯލްޑިވްސް މެރިން އެކްސްޕޯ 2016ގެ މެއިން ސްޕޮންސާއަކީ އެމްޓީސީސީ އެވެ. ކޯ ސްޕޮންސާއަކީ މެރީން އިކުއިޕްމެންޓްސް އެވެ. އެއާލައިން ޕާޓްނާގެ ގޮތުގައި މެގަ މޯލްޑިވްސް ހަމަޖައްސާފައިވާ އިރު ޓެލެކޮމް ޕާޓްނަރަކީ ދިރާގު އެވެ. އަދި ލައިފްސްޓައިލް ޕާޓްނަރކަމަށް އީވޯ ހަމަޖައްސާފައިވާ އިރު ޕްރޮޕޯޝަނަލް ޕާޓްނަގެ ގޮތުގައި ހަމަޖައްސާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނެވެ.
މެރިން އެކްސްޕޯގެ ތިން ވަނަ އެޑިޝަންގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.