14 Jul 2016, 08:36
ކޮމަންވެލްތުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާ ހާއްސަ މުޝީރު، ޑރ. ވިލީ މުޓުންގާ ކުރިޔަށް އޮތް އޯގަސްޓް މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ކޮމަންވެލްތުން ރާއްޖެއަށް ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ ކުރީކޮޅު ކަމަށެވެ.
ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރުމާއި ޑިމޮކްރަސީ އަށަގެންނެވުމުގެ މަސައްކަތުގައި ކޮމަންވެލްތުގެ އެހީއަށް ދިވެހި ސަރުކާރުން ވަރަށް ގިނަ ފަހަރަށް އެދިފައި ވެ އެވެ.
އޭގެ ތެރޭގައި، މި އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު އޮތް ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ ބައްދަލުވުމުގައި، އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މަސައްކަތް ހަލުއިކޮށް، ހަރުދަނާ ކުރުމުގައި އެހީތެރިވެދޭނެ ޚާއްސަ މަންދޫބެއް ކޮމަންވެލްތުގެ ފަރާތުންކަނޑައަޅައިދިނުމަށް އެދިވަޑައިގެންފަ އެވެ.
ކޮމަންވެލްތުގެ ޚާއްސަ މަންދޫބުކަން ޑރ. ވިލީ މުޓުންގާއަށް އަރުވާފައިވާކަން އޭނާ ހާމަކުރެއްވީ، ކެންޔާގެ އުއްތަމަ ފަނޑިޔާރުގެ މަގާމުން އޭނާ ރިޓަޔާ ކުރެއްވުމަށްޓަކައި ކެންޔާގެ ސުޕްރީމް ކޯޓުގައި ބޭއްވި
މުޓުންގާ ވިދާޅުވީ ރާއްޖޭގެ މުޝީރެއްގެ ގޮތުގައި ކޮމަންވެލްތުން އޭނާ ހަމަޖައްސާފައި ވަނީ ރާއްޖޭގެ "ސިޔާސީ ލީޑާޝިޕް އެކަތިގަނޑަކަށް" ހެދުމަށެވެ.
އަދި 2018 ވަނަ އަހަރު ގިނަ ބަޔަކަށް ވާދަކުރެވޭ ރިޔާސީ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް، ދެމެހެއްޓެނިވި ސިޔާސީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ހިތްވަރު ދިނުމަކީ ވެސް މެންޑޭޓުގައި ހިމެނޭ ކަމަށް މުޓުންގާ ވިދާޅުވި އެވެ.