14 Jul 2016, 09:05
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ފުޓްބޯޅަ ކްލަބެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ ގައުމީ ޓީމުގެ 75 ޕަސެންޓު ކުޅުތެރީން ތިބީ މާޒިޔާގައެވެ. އޭގެ އިތުރުން މިހާރު މިވަނީ، އެ ޓީމަށް އަނެއްކާވެސް އިތުރު ބާރެއް އެކުވެފައެވެ. އެއީ ގައުމީ ޓީމުގެ ކެޕްޓަނެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ދަގަނޑޭ މާޒިޔާއާ ގުޅުމުން އެ ކްލަބުން ހާސިލުކުރަން ބޭނުންވާ އާމާޒު ވެސް މިހާރުވަނީ މަތިވެފައެވެ. މި ސީޒަން ފެށުމުގެ ކުރިން މާޒިޔާގެ އަމާޒަކަށް ވެފައިއޮތީ ލޯކަލް ހުރިހާ މުބާރާތެއްގެ ތަށި ހޯދުމެވެ. އެ އަމާޒާއި އެކު ސީޒަން ފަށާފައިވާ މާޒިޔާއަށް ގައުމީ ކެޕްޓަން ދަގަނޑޭ ގުޅުމާއެކު އެ ކުލަބުގެ މިހާރުގެ އަމާޒަކަށް ވެފައިއޮތީ ސީޒަންގެ ބާކީބައިގައި އެއްވެސް މެޗަކުން ބަލިނުވެ ނިންމާލުން ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ވަނީ ބުނެފައެވެ.
ސުޒޭން: އޭނާ ބުނީ ދަނގަޑޭ އާއި އެކު މާޒިޔާ ތަފާތު ވާނެ ކަމަށް -- ސަން ފޮޓޯ/ފަޔާޒު މޫސާ
"އަޅުގަނޑު މި ދައްކަނީ މި ސަރަހައްދުގެ ވެސް ހުރި އެންމެ މޮޅު ކުޅުންތެރިޔާ މި ކްލަބާ ގުޅުނު ވާހަކަ. އޭނާއާ އެކު މި ކްލަބުގެ އަމާޒުވެސް މި ވަނީ މައްޗަށް ޖެހިލާފަ. އެހެންކަމުން މިހާރުގެ އަމާޒަކީ އެއްވެސް މެޗަކުން ބަލިނުވެ ސީޒަނުގެ ބާކީ އޮތްބައި ނިންމާލުން،" ދަނގަޑޭ މާޒިޔާ އަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.
އުރީދީ ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރު ނިމިފައިވާ އިރު މާޒިޔާ އޮތީ ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް ދެ މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެ، ލިބުނު 14 ޕޮއިންޓާއި އެކު ތާވަލުގެ އެއް ވަނައިގައެވެ.
ފުރަތަމަ ބުރުގައި މާޒިޔާ ބަލިވެފައި ވަނީ ހަތަރު ވަނައިގައި އޮވެ ފުރަތަމަ ބުރު ނިންމާލި ޓީސީ ސްޕޯޓްސް ކްލަބު އަތުންނެވެ. ލީގުގެ ދެވަނަ ބުރު އަންނަ ހުކުރު ދުވަހު ހަވީރު ފަށާއިރު އެދުވަހު ކުޅޭ ދެވަނަ މެޗުގައި އެރޭ ނުވައެއްޖަހާއި އިރު މާޒިޔާ ނިކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެހެންކަމުން އެ މެޗަކީ ހުރިހާ ގޮތަކުންވެސް ފޯރި ގަދަ ބަލާހިތްވާކަހަލަ ފުޓްބޯޅައެއް ފެނިގެންދާނެ މެޗަކަށް ވާނެއެވެ.
ދަނގަޑޭ މާޒިޔާއަށް ސޮއިކޮރުމަށް ހުޅުމާލޭގެ ފާން ބުޓިކް ހޮޓަލްގައި ބޭއްވި ހަފްލާގެ ތެރެއިން ގައުމީ ޓީމާއި މާޒިޔާގެ މިޑްފިލްޑަރ މުހައްމަދު އުމައިރު އާއި އެކު -- ސަން ފޮޓޯ/ފަޔާޒު މޫސާ
ގައުމީ ޓީމްގެ ކެޕްޓަނާއި ވައިސް ކެޕްޓަންގެ އިތުރުން ވެސް ގައުމީ ފުރަތަމަ 11ގައި އާންމުކޮށް ހިމެނޭ ގިނަ އަދަދެއްގެ ކުޅުންތެރިންތަކަކާއި އެކު މާޒިޔާއިން ސީޒަން ފަށާފައިވާ އިރު ސުޒޭން ބުނީ އެ ކުޅުންތެރިންގެ ސަބަބުން އޭނާއަށް އެއްވެސް ޕްރެޝަރެއް ކުރަމަތި ނުވާ ކަމަށާއި އެ ކުޅުންތެރިން މެނޭޖު ކުރުމުގައި ވެސް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާ ކަމަށެވެ.
"ކުރިން ވެސް ވަރަށް ގިނަ ފަރާތް ތަކަކުން އަޅުގަނޑާ ކުރިމަތިކުރާ ސުވާލެއް އެއީ ގައުމީ ޓީމްގެ އެހާގިނަ ކުޅުންތެރިންނާއި އެކު އަޅުގަނޑަށް ޓީމް މެނޭޖް ކުރެވިދާނެ ތޯ. މާޒިޔާއަށް މޮޅު ކުޅުންތެރިއެއް އައުން ނުވަތަ ކޮންމެ ކުރިއެރުމެއް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތް ހަމަޖެހުމެއް،" ސުޒޭން ބުންޏެވެ.
ކޯޗެއްގެ ގޮތުން ސުޒޭންގެ ވާހަކަތައް އެގޮތަށް ހުރިއިރު، އެޓީމަށް އަލަށް ގުޅުނު ދަގަނޑޭގެ ވިސްނުންވެސް ހުރީ، އޭނާ ހުރެގެން މާޒިޔާއަކީ ރާއްޖޭގެ ފުޓްބޯޅައިގައި ތާރީޚީ ސަފްހާތަކެއް ލިޔެލެވޭނެ ކްލަބަކަށް ހެދުމަށެވެ.
އެގޮތުން ދަގަނޑޭ ބުނީ މާޒިޔާއާއެކު ކާމިޔާބީތައް ހޯދުމަށް އޭނާ ހުރީ "100 ޕަސެންޓު ދިނުމަށް ތައްޔާރަށް" ކަމަށާއި އެ ކާމިޔާބީތައް ހާސިލްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނޭ ކަމަށެވެ.
ހަމަ ޔަގީނުންވެސް މިހާރުދެން މާޒިޔާގެ ބަލިކަށީ މިވެނި ޑިޕާޓްމަންޓެކޭ ބުނެލެވޭވަރުގެ އެއްވެސް ޑިޕާޓްމަންޓެއްނެތެވެ. ކޯޗް ސުޒޭން ބޭނުންވާފަދަ ކާމިޔާބީތަކެއް ހާސިލްކުރުމަށް މިހާރު ޓީމު އެވަނީ ފުރިހަމައަށް ފައްކާވެފައެވެ.