ސަރުކާރުން ފައިސާ ދީގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެރިކަންކުރާ އެމްޑީޕީ އަށް ގެންދާ ކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މި ހަފްތާގައި ގޮތެއްނިންމާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ސަރުކާރުން ފައިސާ ދީގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެރިކަންކުރާ އެމްޑީޕީ އަށް ގެންދާ ކަމަށް އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެ މައްސަލަ މެންބަރުންގެ ބައްދަލުވުމަށް ގެނަސް އެއީ ތަހުގީގު ކުރަން ޖެހޭ މައްސަލައެއްތޯ ނުވަތަ ތަހްގީގު ކުރަން ނުޖެހޭ މައްސަލައެއްތޯ ބަލާނީ މެންބަރުންގެ ބައްދަލުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލަ ބަލަން ނިންމައިފި ނަމަ ފުލުހުންނަށް ހުށަހެޅުމުގެ ބަދަލުގައި މައްސަލަ ކުރިއަށް ގެންދާނީ އެ ކޮމިޝަންގެ އިންވެސްޓިގޭޓަރުން ބޭނުން ކުރައްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަފްތާއަކު ދެ ބައްދަލުވުން އޮންނާނެ، އަޅުގަނޑުމެންނަށް ހުށަހެޅޭ މައްސަލަތަކަށް ޑިޒިޝަން ނަގަން. ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ބާއްވާ އެ ދެ ބައްދަލުވުމުގެ ތެރެއިން އެންމެ އަވަހަށް ބޭއްވޭ ބައްދަލުވުމުގައި އަޅުގަނޑުމެން އެކަމަށް ގޮތެއްނިންމާނަން. އެ މައްސަލަ ބަލަން ނިންމައިފި ނަމަ އެކަން ކުރިއަށް ގެންދާނީ އަޅުގަޑުމެންގެ އިންވެސްޓިގޭޓަރުން މެދުވެރިކޮށް. ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރުމާއި ހޯދަން ޖެހޭ އެހެން އެއްޗެހި ހޯދުން ކުރިއަށް ގެންދަނީ އެމީހުން،" މުއައްވިޒު ވިދާޅުވި އެވެ.

ޑީއާރުޕީގެ ކުރީގެ ޑިޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން، ސަރުކާރުން ފައިސާ ދީގެން އަލީ ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ އެހެން މެމްބަރުންތަކެއް ވެރިކަންކުރާ ޕާޓީ، އެމްޑީޕީއަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މިދިޔަ ބުރާސްފަތި ދުވަހު އޭސީސީއަށް ހުށަހަޅާފައި ވަނީ ޑީއާރުޕީގެ ޒައީމު މައުމޫނަށް ނިސްބަތްވާ ޒެޑް-ޑީއާރްޕީންނެވެ.