އަރިއަތޮޅުގެ މައި ރަށަކީ މާމިގިއްޔެވެ. އަތޮޅުގެ އެންމެ ބައިބޯ އެއް ރަށަށް އެ ރަށްވާއިރު އިގްތިސާދީ އެންމެ ގިނަ ކަންކަން ވެސް ގުޅިފައިވާ އެއް ރަށަކަށް އެ ރަށްވާނެ އެވެ. ކައިރީގައި ހަތް ވަރަކަށް ރިސޯޓާއި މީހުން ދިރިއުޅޭ ތިން ރަށް އޮންނަ އިރު އެ ރަށްރަށުން ވެސް އާންމު ބޭނުންތަކުގައި އެންމެ ގިނައިން އަންނަ ރަށަކީއެއީ އެވެ. އަތޮޅުތެރޭ ނިސްބަތުން ތަނަވަސް އެ ރަށަށް ވަރަށް ވެސް ބޮޑު ގޮންޖެހުމެއް އެބައޮތެވެ. އެއީ ބެންކިންގެ ހިދުމަތެވެ.

އދ. އަތޮޅުގެ އިގްތިސާދީ މައިތަނބު ކަމަށްވާ މާމިގިލީގައި ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ލިބޭކަށްނުހުރެ އެވެ. އެރަށުގައި ހުންނަނީ އަވައްޓެރި ގައުމެއްގެ ބެންކު ބުރާންޗެކެވެ. އެތައް ހާސް ބަޔަކު ވަޒީފާގައި އުޅޭ އެރަށުގައި ބީއެމްއެލްގެ ބުރާޗެއް ނެތުމަކީ އެސަރަހައްދުތަކުގައި ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.

"ބެންކަށް ދާންވެއްޖެއްޔާ މާލެދަނީ، މިއަތޮޅުން ވިއްޔާ މަހިބަދޫއަށް ދާންޖެހެނީ، އެއަށް ވުރެ ފަސޭހަ މާލެ ދާން، އެހެންވެ މާލެ ދާންޖެހެނީ." ދަތިތައް ހިއްސާ ކުރަމުން މުހައްމަދު ޝާފީ ބުންޏެވެ.

ބޭންކުގެ ހިދުމަތް ހޯދުމަށް މަހިބަދޫއަށް ދިއުމަށް ލޯންޗެއްގައި ނަމަ ކޮޅަކަށް 1500 ރުފިޔާ ހަރަދު ކުރަންޖެހޭ އިރު 4000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާމިގިލީ ރައްޔިތުންނަށް ވަނީ އެކަން ބޮޑު ހަރަދަކަށެވެ.

ފައިސާއެއް ނަގަން ބޭނުންވާ ފަރާތްތަކަށް ބައެއް ފަހަރު އެ ރަށު ފިހާރައެއްގައި އިންނަ ޕީއޯއެސް އެއް މެދުވެރިކޮށް އެހިދުމަތްދެ އެވެ. ނަމަވެސް ގިނަ ފަހަރަށް އޮންނަނީ އެކަން ނުވެފަ އެވެ.

މިރަށު ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހިމް ވިދާޅުވި ގޮތުގައި ބީއެމްއެލް ނެތުމުން އެ ރަށް ބޮޑު ދަތިތަކާ ކުރިމަތިވެ އެވެ. އެކަމާ ގުޅޭ ގޮތުން ބީއެމްއެލް އިން ބުނީ އަދި އެކަމަށް ކޮމެންޓެއް ކުރަން ބޭނުން ނޫން ކަމަށެވެ.