13 Jul 2016, 21:54
މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން (އެމްޔޫއޯ) އިން ޖަލްސާ ބޭވުމުގެ ހުއްދައަށް އެދުނުތާ މަހެއްހާ ދުވަސްފަހުން ކާނިވާ ސަރަހައްދު ދޫކޮށްފި އެވެ.
އިދިކޮޅު އިއްތުހާދުން ކާނިލވަލުގައި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ އެވެ. މިއަދު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާ ޕާސަން އަލީ ނިޔާޒް ވިދާޅުވީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭވުމަށް ހުއްދަ ދީ ހައިސިން މިނިސްޓްރީން ސިޓީއެއް ފޮުވާފައިވާ ކަމަށެވެ.
"މާދަމާ ޖަލްސާ އޮންނަންޏާ މިއަދު ހަވީރު އަޅުގަނޑުމެނަށް ތަން ލިބޭކަން މި އެނގުނި، އެހެންނަމަވެސް ދެން ތަން ލިބިއްޖެ. މިކަމަށްޓަކައި ހައުސިންގް މިނިސްޓްރީއަށް ޝުކުރު އަދާކުރަން" ނިޔާޒު ވިދާޅުވި އެވެ.
މި ސަރުކާރު އައިފަހުން ޖަލްސާ ބާއްވަން ކާނިވާ ލިބުނު މިއީ ފުރަތަމަ ފަހަރު ކަމަށް ނިޔާޒު ވަނީ ވިދާޅުވެފަ އެވެ.
މާދަމާ ރޭގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ އަވީދު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވާހަކަފުޅު ދައްކަވާނެ ކަމަށް އެމްޑީޕީއިން ބުންޏެވެ.