ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަނގަޑޭ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

ދަގަނޑޭ މާޒިޔާއަށް ސޮއިކޮށްފައިވަނީ އެ ކްލަބް ހިންގާ ކުންފުނިން ހުޅުމާލޭގައި ހިންގާ ފާރން ބީޗް ކެފޭގައި މިރޭ ކުރިއަށްދާ ހާއްސަ ރަސްމިއްޔާތެއްގައެއެވެ. އޭނާ އެ ކްލަބާ ގުޅިފައިވަނީ މިސީޒަންގެ ނިޔަލަށެވެ.

މާޒިޔާއިން ބުނީ، ދަގަނޑޭ އެ ކްލަބާ ގުޅިފައިވަނީ ރާއްޖޭގެ ކްލަބް ރެކޯޑް ފީއަކަށް ކަމަށެވެ. އެހެންނަމަވެސް އެއީ ކިހާވަރެއްކަން އެ ކްލަބުން ހާމައެއް ނުކުރިއެވެ.

ދަގަނޑޭ ކުރިން ކުޅެމުންދިޔަ ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރްއެމް)ގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވަނީ އަނިޔާއެއްގެ ސަބަބުން ކަމަށް އޭރު ދަގަނޑޭ ބުނެފައިވެ އެވެ.

މިރޭ މާޒިޔާއަށް ސޮއިކުރުމުގެ ކުރީން ދަގަނޑޭ ވަނީ، މާޒިޔާގެ ފަރިތަކުރުމެއްގައި ބައިވެރިވެފައެވެ. އެހެން ނަމަވެސް އޭރު ރާއްޖޭގެ ހުނަރުވެރި ފޯވާޑް ބުނެފައިވަނީ، އޭނާ އެ ކްލަބާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ފިޓްކޮށް ހުރުމަށް ކަމަށެވެ.

މިރޭ މާޒިޔާއަށް ސޮއިކުރުމަށް ފަހު ދަގަނޑޭ ބުނީ، އެ ކްލަބާއެކު ކާމިޔާބު ހޯދުމަށް ކުރެވެން ހުރިހުރިހާ މަސައްކަތެއް ކުރާނޭ ކަމަށެވެ.

"އަހަރެން އެންމެނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، ހާއްސަކޮށް މާޒިޔާ އަހްމަދަށް. އަދި ކޯޗް އަލީ ސުޒޭންއާ އެކު މަސައްކަތްކޮށްލަން ލިބުމުން އަހަރެން ވަރަށް އުފާކުރަން،" މާޒިޔާއަށް ސޮއިކުރުމަށް ފަހު ދަގަނޑޭ އޭނާގެ ޓްވިޓާގައި ބުނެފައި ވެއެވެ.

ޕީޑީއާރްއެމް އަށް ކުޅުމުގެ ކުރިން ދަގަނޑޭ ވަނީ ދިވެހި ކްލަބުތަކުން ފެނިފަ އެވެ. އެގޮތުން ކްލަބު ވެލެންސިއާ އާއި، ވީބީ ސްޕޯޓްސް ކްލަބު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެ، ގިނަ ކާމިޔާބީތަކެއް އޭނާ ހޯދާފައިވެ އެވެ.