13 Jul 2016, 20:43
ވިލިމާލެއިން މޫދަށް އެރިގެން ފަތާފައި މާލެ ދާން އުޅުނު އަންހެނަކު ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތް ކުރުމުން، ޖެންޑާ މިނިސްޓްރީން އޭނާއާ ހަވާލުވެއްޖެ އެވެ.
މިއަދު މެންދުރުފަހު ހިނގި އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ ވެބްސައިޓުގައި އާންމު ކުރި ޚަބަރެއްގައި ބުނެފައި ވަނީ އެ އަންހެން މީހާ ކަނޑުގައި އޮއްވައި ސަލާމަތްކުރީ ދެ ފުލުހަކު ކަމަށެވެ. ވިލިމާލޭގައި މަސައްކަތް ކުރާ އެ ދެ ފުލުހުންގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ ވިލިމާލެއިން އަންހެނަކު އެކަނި މޫދަށް އެރިގެން މާލެއާ ދިމާލަށް ދާ ކަމަށް ބުނެ މިއަދު މެންދުރުފަހު 2:22 ހާއިރު ރިޕޯޓެއް ލިބުމާއެކު ޑިއުޓީގައި ތިބި ދެ ފުލުހަކު ފެރީއަކަށް އަރައިގެން ގޮސް ކަނޑަށް ފުންމާލައިގެން އެ އަންހެން މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.
އަންހެން މީހާ ސަލާމަތްކޮށް ފުލުހުންގެ ބެލުމުގެ ދަށުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށް މިހާރު ވަނީ ދޫކޮށްލުމުން އެ އަންހެން މީހާއާ ޖެންޑާ މިނިސްޓްރީން ހަވާލުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.