13 Jul 2016, 21:16
ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)ގެ ޑިފެންޑަރު ލޫކަސް ޑިގްނޭ، ސްޕެއިންގެ ބާސެލޯނާއާ ގުޅުމަށް އެއްބަސްވެއްޖެ އެވެ.
އުމުރުން 22 އަހަރުގެ ޑިފެންޑަރު ޑިގްނޭ ބާސާއާ ގުޅުމަށް އެއްބަސްވެފައިވަނީ 16.5 މިލިއަން ޔޫރޯގެ އަގަކަށެވެ. ޑިގްނޭ އަކީ ބާސާއިން ކުރިއަށް އޮތް ސީޒަނަށް ގެންނާނެ ދެވަނަ ކުޅުންތެރިޔާ އެވެ. ކުރިން ފްރާންސްގެ ލިޔޯންގެ ޑިފެންޑަރު ސަމުއެލް އަމްޓިޓީ ވަނީ 25 މިލިއަން ޔޫރޯ އަށް އެ ކްލަބަށް ސޮއިކޮށްފަ އެވެ.
"ޑިގްނޭ ވަނީ 16.5 މިލިއަން ޔޫރޯ އަށް ބާސާއާ ގުޅުމަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައި. އޭނާ ކްލަބާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ. މާދަމާ އޭނާ މެޑިކަލްގައި ބައިވެރިވެ، އެއްބަސްވުމުގައި ސޮއިކުރަން ބާސެލޯނާ އަށް އަންނާނެ،" ބާސާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފްރާންސްގެ ލިލް އިން 2013 ވަނަ އަހަރު ޕީއެސްޖީއާ ޑިގްނޭ ގުޅުނީ 15 މިލިއަން ޔޫރޯގެ އަގަކަށެވެ. މިދިޔަ ސީޒަނުގައި ލޯނުގެ ދަށުން އޭނާ ކުޅެމުންދިޔައީ އިޓަލީގެ ރޯމާ އަށެވެ. އޭނާ ވަނީ ރޯމާ އަށް ކުޅުނު 39 މެޗުގައި ތިން ލަނޑު ޖަހައި، އިޓަލިއަން ސެރީއާގެ ތިން ވަނަ މަގާމު އެ ޓީމަށް ހޯދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.