މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން (އެމްޔޫއޯ) އިން ބާއްވަން ތާވަލުކޮށްފައިވާ ޖަލްސާއަށް ދައުވަތުދެމުން އަޑުގަދަކުރާއިން ގޮވަމުންދިޔަ ޕިކަޕެކް ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ ހުއްދަ ނުނަގާ އަޑުގަދަކުރާ ބޭނުންކޮށްގެން ގޮވަމުންދިޔަ ޕިކަޕެއް ފުލުހުންގެ ބެލުމުގެ ދަށަަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަަށް އެ ޕިކަމު ގެންގޮސްފައިވަނީ ޕިކަޕުގައި ހުރި އަޑުގަދަކުރާއާވެސް އެއްކޮށެވެ.

އިދިކޮޅު އިއްތިހާދުން އަޑުގަދަކުރާ ބޭނުންކޮށްގެން ޖަލްސާއަށް ގޮވަމުންދިޔަ ޕިކަޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދު ހަވީރު އެވެ.

މީގެކުރިންވެސް އެކި ފަހަރުމަތިން އެގޮތަށް ޖަލްސާތަކަށް ގޮވާ ޕިކަޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. ފުލުހުން ބުނާގޮތުން ފުލުހުންގެ ހުއްދަނެތި މަގުމަތީގައި އަޑުގަދަކުރާ ބޭނުންކުރުމަކީ މަނާކަމެކެވެ.