މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއަށް ޕިކަޕް ވެއްދި ގޮތުގެ ތަފްސީލު އަދި ތިލަވެގެންދާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ބުނެފި އެވެ.

އެމްޔޫއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އެ ޕިކަޕު ވެއްދީ ކޮން ބައެއް ކަމާއި އެކަން ރޭވީ ކޮން ބައެއްކަން އަދި ރައްޔިތުންނާ ހަމައަށް ތިލަވާނެ ކަމަށެވެ.

"މި ހުރިހާ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެބަހުރި. އަޅުގަނޑު ތައްޔާރު. އަޅުގަނޑަށް މައްސަލައެއް ނެތް މި ނިއުސް ކޮންފަރެންސް ނިމޭތަނުން ޕޮލިސް ސާވިސް އަށް ގެންދެވިޔަސް. އަޅުގަނޑު ވަރަށް ކެރިގެން މިވާހަކަ ދައްކާނަން. މިފަދަ ލަދުވެތި ކަންތައް ނުކުރުމަށް އަޅުގަނޑުމެން ގޮވާލަން،" އަލީ ޒާހިރު ވިދާޅުވި އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭނާ ވިދާޅުވީ އެ މުޒާހަރާގައި ފުލުހުންގެ ސަފު ފޫއަޅުވާލި މައްސަލައާ ގުޅިގެން ލީކުވި އޯޑިއޯއެއްގެ އެނަލައިޒްކޮށް އެކަމުގެ ހަގީގަތް ހޯދައިދިނުމަށް މީގެކުރިން ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"މި ޕިކަޕު ވައްދާލުމުގެ ކަންތަކުގައި ވެސް މީގެ ކުރިން އޯޑިއޯއެއް ލީކުވެގެން އަޅުގަނޑުމެން ވާނެ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާފައި އެދިފަ އެއީ ކޮންމެވެސް ފަނޑިޔާރެއްގެ އަޑުކަމަށް އެއިރު މައުލޫމާތު ލިބިފައި ވަނީ. އެންމެ ހޫނުވާ ގަޑީގައި ޕިކަޕް ވައްދާށޭ ބުނެފަ ވަނީ،" އަލީ ޒާހިރު ވިދާޅުވި އެވެ.

މޭޑޭ މުޒާހަރާގައި އައިއީޑީއެއް ގޮއްވާލުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ސިފައިންގެ މީހަކާ މަޝްވަރާކޮށްފައިވާ ކަމާއި އަދި އަދީބު އެދިވަޑައިގަތް ގޮތަށް ސިފައިންގެ މީހާ އެ އައިއީޑީ ތައްޔާރު ކުރި ކަމަށް ކޯޓުގައި މީހަކު ވަނީ ހެކިބަސްދީފަ އެވެ.

އަލީ ޒާހިރު ވިދާޅުވީ މުޒާހަރާ ބޭއްވުމުގެ ކުރިން ވެސް އެފަދަ ކަންތައްތަކެއް އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނަށް އެކަން ހިއްސާކޮށްފައިވާނެ ކަމަށާއި ނަމަވެސް ފުލުހުން އެއްވެސް ގޮތަކަށް އެކަމާ އަޅާނުލި ކަމަށެވެ.

"އަޅުގަނޑުމެންގެ އެއްވުން ސުލްހަވެރިއެއް ނުވާނޭ، އަޅުގަނޑުމެންގެ އެއްވުމުގައި ހަމަނުޖެހުން އޮންނާނެއޭ، ތާޅާފޮޅުން ހިނގާނެއޭ ކިޔާފަ އަޑު އަރުވާފަ އޮތީ ކަމާބެހޭ ފަރާތްތަކުން. ޚާއްސަކޮށް ޕޮލިސް ސާވިސް އިން. އެކަމަކު ކަންތައް ނިމިގެންދިޔައިރު ދައުލަތް ބައިވެރިވެގެން އެތަނުގައި ބޮން ގޮއްވަން ތައްޔާރުކޮށް އެތަނުގައި ތިބި މީހުންނަށް ބަޑިޖަހަން އުޅެ، މިކަންކަން މިހާރު މި ދަނީ ސާބިތުވަމުން،" އަލީ ޒާހިރު ވިދާޅުވި އެވެ.