އެންޓި ކޮރަޕްޝަން ކޮމިޝަން [އޭސީސީ]ގެ އެންގުމަށް ސަދަން ޔުޓިލިޓީސް އިން އަލުން ބިޑަށްލި، 4.9 މިލިއަން ރުފިޔާގެ ކޭބަލް ޕްރޮޖެކްޓް ކުރިން ވެސް އެ ޕްރޮޖެކްޓުގެ މަސައްކަތްކުރި ކުރި ސިމްޑީއާ ހަވާލުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ޕްރޮޖެކްޓް ސިމްޑީ އަށް އެވޯޑްކޮށްފައި ވަނީ 4.976 މިލިއަން ރުފިޔާ އަށް މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އެވެ.

އައްޑު އަތޮޅުގެ އިންޖީނުގެތަކަށް ލޯ ވޮލްޓޭޖް ކޭބަލް ހޯދުމަށް ސަދަން ޔުޓިލިޓީސް އިން އެންމެ ފުރަތަމަ ހަވާލުކުރީ ލީނިއާ ޓެކް ނަމަކަށް ކިޔާ ކުންފުންޏަކާ ނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދިޔައީ ސިމްޑީން ނެވެ. އަދި އެޑްވާންސްގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ޖަމާކޮށްދީފައި ވަނީވެސް ސިމްޑީގެ އެކައުންޓަކަށެވެ.

އެ މައްސަލަ ފެންމަތިވުމުން ސަދަން ޔުޓިލިޓީސް އިންނާއި ސިމްޑީން ވެސް އޭރު ބުނީ، އެ ޕްރޮޖެކްޓް ކާމިޔާބުކުރީ ސިމްޑީ އާއި ލީނިއާ ޓެކް ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމްއަކުން ކަމަށެވެ. ނަމަވެސް އެއްވެސް ލިޔެކިޔުމަކުން އެކަން އެނގޭކަށެއް ނެތެވެ.

ޕްރޮޖެކްޓަށް ކުރިމަތިނުލާ ފަރާތަކުން މަސައްކަތް ކުރިއަށްގެންދާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމުން، ސަދަން ޔުޓިލިޓީސް އަށް އޭސީސީން އަންގައިފައި ވަނީ، ޕްރޮޖެކްޓް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ފެންނާތީ އަލުން ޕްރޮޖެކްޓް ބިޑަށް ލުމަށެވެ. އެ އެންގުމާ ގުޅިގެން، ސަދަން ޔުޓިލިޓީސް އިން އެ ޕްރޮޖެކްޓަށް ބިޑު ކުރުމަށް އަލުން ފުރުސަތު ހުޅުވާލީ ސިމްޑީއަށް ދީފައިވާ އެޑްވާންސް ފައިސާ ވެސް ނުހޯދަ އެވެ. އެހެންކަމުން، އެ ޕްރޮޖެކްޓަށް ޝައުގުވެރިވި ބައެއް ފަރާތްތަކުން ވަނީ އެކަމާ ވަރަށް ބޮޑަށް ޝަކުވާ ކޮށްފަ އެވެ.

ސަދަން ޔުޓިލިޓީސް އިން އެޑްވާންސް ފައިސާ ނުހޯދައި އެ ޕްރޮޖެކްޓް އަނެއްކާ ބިޑަށްލީ ސިމްޑީއަށް ދޭން ބޭނުންވާތީ ކަމަށް އެ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން ސަދަން ޔުޓިލިޓީސްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އެކުންފުނީގެ ޗެއާމަން އަހްމަދު ޒަރީރު އަދި ފައިނޭންސް ޑިރެކްޓާ އަބްދުﷲ މިއާދު ވެސް ފަހުން ގުޅުއްވުމަށް ވިދާޅުވެފައި، ދެން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި ފަހުން ފޮނުއްވި އެސްއެމްއެސް އެއްގައި މިއާދު ވަނީ، މާދަމާ މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މިއަދު އެ މައުލޫމާތު ބޭނުންވާ ކަމަށް ދެންނެވުމުން ހަބަރެއް ނުވެ އެވެ.

ސިމްޑީއަށް ޕްރޮޖެކްޓް މިފަހަރު އެވޯޑްކުރީ 18 ދުވަހުގެތެރޭ ކޭބަލް ގެނެސްދޭ ގޮތަށެވެ. ނަމަވެސް، ސަން އަށް އެނގިފައިވާ ގޮތުގައި ސިމްޑީއަށް ޕްރޮޖެކްޓް އެވޯޑްކުރުމުގެ ކުރިން އެކުންފުނިން ވަނީ އެ ކޭބަލްތައް ރާއްޖެ އެތެރެކޮށްފަ އެވެ.

ސަދަން ޔުޓިލިޓީސްގެ ކޭބަލް ޕްރޮޖެކްޓުގެ މައްސަލައާ ގުޅިގެން ސިޓީ ކައުންސިލާ އެކުންފުންޏާ ދެމެދު ވެސް މައްސަލަ ހޫނުވެފައިވެ އެވެ. އެގޮތުން އައްޑޫ ސިޓީގެ މޭޔާ އަބްދުﷲ ސޯދިގު )ސޯބެ( ވިދާޅުވެފައި ވަނީ، އައްޑޫގެ ޕްރޮޖެކްޓަކަށްވީ ނަމަވެސް، ޕްރޮޖެކްޓަށް އިއުލާންކޮށް ޕްރީ ބިޑް މީޓިން ބާއްވައިފައި ވަނީ މާލޭގައި ކަމަށާއި އެކަން އައްޑޫގައި އިއުލާންކޮށްފައިނުވާތީ އެ ޕްރޮޖެކްޓަށް ކުރިމަތިލެވުނީ އައްޑޫގެ ވަރަށް މަދު ކުންފުންޏަކަށް ކަމަށެވެ. އަދި ސިމްޑީއަށް އެޑްވާންސަށް ދީފައިވާ ފައިސާ ނުހޯދައި ކަމުގެ ޝަކުވާ ވެސް ލިބިފައިވާ ކަމަށާއި ސަދަން ޔުޓިލިޓީސްގެ އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން "ސުވާލު އުފެދޭ" އެތައް ކަމެއް ހުރުމުން އެ މައްސަލަ އައްޑޫ ސިޓީ ކައުންސިލުން ބަލަމުންދާ ކަމަށް ވެސް މޭޔާ ވަނީ ވިދާޅުވެފަ އެވެ.