އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް ގާނޫނީ އިމުގެ ތެރެއިން ޒިންމާދާރުގޮތަކަށް ގެންގޮސްދިނުމަށް ސަރުކާރު ހިންގާ ޕީޕީއެމުން އިލްތިމާސް ކޮށްފި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ސޮއިކުރައްވައި އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ކޮމިޝަންގެ މަސައްކަތްތައް ގާނޫނީ އިމުގެ ތެރެއިން ޒިންމާދާރުކަމާ އެކު ކުރިއަށްގެންދިޔުމަކީ އެ ޕާޓީގެ ހުރިހާ މެމްބަރުންގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ޅ) ގައި ބުނާގޮތުން އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތަކީ ސިޔާސީ ޕާޓީތައް ރަޖިސްޓްރީ ކުރުމާއި ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ކޮމިޝަނުން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ކުރުން ކަމަށެވެ.

ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމުގެ ބާރާއި އިންތިޚާބުތައް އިންތިޒާމްކޮށް ރާވައި ހިންގުވުމުގެ ބާރު ފިޔަަވައި އެހެން އެއްވެސް ބާރެއް ލިބިގެންނުވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

"ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއްގައި އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައި ކަނޑައަޅާފައި ނުވާ ވާހަކަ ތިޔަ ކޮމިޝަންގެ މައުލޫމާތައްޓަކައި ދަންނަވަމެވެ،" ޕީޕީއެމްގެ ސިޓީގައި ވެއެވެ.

ޕީޕީއެމް އިން މިފަދަ ސިޓީއެއް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައި މިވަނީ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީ ހިންގުމަށް އިލްތިމާސްކޮށް އެ ކޮމިޝަނުން ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެފަދަ އެންގުމެއް މައުމޫނަށް އަންގާފައި ވަނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން ކަމަށެވެ.