އިނގިރޭސި ލީގު ޗެމްޕިއަން ލެސްޓަރ ސިޓީގެ މިޑްފީލްޑަރ އެންގޯލޯ ކަންޓޭއާއެކު ޗެލްސީ ފުޓްބޯލް ކްލަބުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފްރާންސްގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫހެއްކަމަށްވާ ލެ ޕެރިޒިއަން އާއި އިނގިރޭސިވިލާތުގެ ދަ ސަންގައި ވާގޮތުން، އުރުމުން 25 އަހަރުގެ ފްރާންސް މިޑްފީލްޑަރާއެކު ޗެލްސީން މިހާރު ވަނީ 29.2 މިލިއަން ޕައުންޑުގެ ފީއަކަށް އެއްބަސްވުމަކަށް އާދެވިފައެވެ.

ރެއާލް މެޑްރިޑާއި އާސެނަލުންވެސް ކަޅިއަޅަމުންދާ ކަންޓޭ މިއަދުގެ ވަގުތެއްގައި ޗެލްސީއަށް ސޮއިކުރާނޭ ކަމަށް ބެލެވޭކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ޗެލްސީން ވަނީ، ކަންޓޭގެ ރިލީޒް ކްލޯޒްގައިވާ 20 މިލިއަނާއި 22 މިލިއަން ޕައުންޑާ ދެމެދުގެ އަގަށްވުރެ މަތީ ހުށަހެޅުމެއް ލެސްޓާއަށް ހުށަހަޅައިފައެވެ.

ޗައިނީޒް ސުޕަރ ލީގު ކްލަބް ޝަންހާއީ އެސްއައިޕީޖީން ވެސް ކަންޓޭ ހޯދަން މަސައްކަތްކުރަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ ސީޒަންގެ ލީގު ޗެމްޕިއަންކަން ލެސްޓާއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކަންޓޭއާއެކު ލެސްޓާއިން އާ އެއްބަސްވުމެއް ގާއިމުކުރުމަށް ކުރިން ހުށަހެޅި ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި ބެލެވޭ ގޮތުގައި މިހާރު އޭނާ ހުރީ، އެންޓޯނިއޯ ކޮންޓޭގެ ޗެލްސީއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރަށް ކަމަށްވެއެވެ.

ލެސްޓާއަށް ބަދަލުވިފަހުން ކަންޓޭ ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން، އޭނާ ހޯދަން ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ދަނީ ކެނޑި ނޭޅި މަސައްކަތްކުރަމުންނެވެ.