އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗަށް އިމްޕޯޓު ޑިއުޓީ ދެއްކުން ފަސްކޮށްދޭ ގޮތަށް ކަސްޓަމްސްއިން ހަމަޖައްސައިފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ޖުލައި 17 އިން ފެށިގެން، ހަލާކުވާ ޒާތުގެ ތަރުކާރީ، ޗީޒް، މޭވާ އަދި ފިނިކުރި މަސް ފަދަ ތަކެއްޗަށް ޑިއުޓީ ދެއްކުން ފަސްކޮށްދޭ ގޮތާށް މުދާ ދޫކުރާނެ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އެގޮތަށް ދޫކުރާނީ ކަސްޓަމްސްއިން ޕްރީ-ޕޭމެންޓް އެކައުންޓް ހުޅުވާފައި، އަދި އެކައުންޓުގައި ފައިސާ ހުރި ފަރާތްތަކަށާއި ރިސޯޓުތަކަށް ކަމަށެވެ.

ޑިއުޓީ ދެއްކުން ފަސްކޮށްދިނުމަށްފަހު ދޫކުރާ މުދަލަށް ގިނަ ވެގެން 48 ގަޑިއިރު ތެރޭގައި ޑިއުޓީ ދައްކަން ޖެހޭ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ނަމަވެސް ދައުލަތުގެ ވިޔަފާރި ކުންފުނިތައް ފިޔަވައި، ދައުލަތުގެ އެހެން އިދާރާއަކުން މުދާ ނަގާ ނަމަ ގިނަ ވެގެން 30 ދުވަހުގެ ތެރޭގައި ޑިއުޓީ ދައްކަން ޖެހޭނެ އެވެ. ނަމަވެސް އިތުރަށް މުދާ ނަގާ ނަމަ އެ މުދަލެއް ނެގޭނީ، ކަސްޓަމްސްއިން ކުރިން ދޫކުރި މުދަލަށް ޑިއުޓީ ދެއްކުމަށްފަހު ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ކަސްޓަމްސްއިން ބުނީ ފަސްކޮށްފައި ދެވޭ މުއްދަތުގެ ތެރޭގައި ޑިއުޓީ ނުދައްކައިފި ނަމަ އިތުރު 10 ދުވަހުގެ މުއްދަތެއް އެފަރާތަކަށް ދޭނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ވެސް ޑިއުޓީ ނުދައްކައިފި ނަމަ ކަސްޓަމްސްއިން އެ ފަރާތަކަށް ދޭ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށެވެ.