ހުޅުލެއާއި މާލެއާ ދެމެދު އަޅާ ބުރިޖުގެ މަސައްކަތްތައް މޮނީޓާކުރަން އިންޖީނިއަރެއް ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީ އިން މިއަދުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބުރިޖުގެ މަސައްކަތް ބެލެހެއްޓުމަށް ބުރިޖު ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް(ޕީއެމްޔޫ) އެއް ގާއިމްކުރުމަށް ނިންމާފައިވާ އިރު އެކޮމެޓީގެ އިންޖީނިއަރިން މަގާމަށް މީހަކު ހޯދުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން އަންނަ މަހުގެ ދެއެއްގެ ކުރިން އެމިނިސްޓްރީ އަށް ހުށައެޅުމަށް އިލްތިމާސްކުރި އެވެ.

ބުރިޖުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބުރިޖު އެޅުމަށް ހަދަން ޖެހޭ އަށި ހެދުމުގެ މަސައްކަތެވެ. އޭގެ ތެރެއިން ވެސް ބޮޑުބައެއް ވަނީ ނިމިފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސައްކަތް ދަނީ ތާވަލު ކުރެވިފައިވާ ގޮތަށް ކަމަށާއި 2018 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ބުރިޖު ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިިޖްގެ ދިގު މިނަކީ 1.39 ކިލޯ މީޓަރެވެ. ހައުސިން މިނިސްޓްރީން ބުނީ ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ ކަަމަށެވެ. ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާ މީހުންނަށް ވަކި ލޭނެއް ބުރިޖުގައި އޮންނާނެ ކަަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.