13 Jul 2016, 16:20
އަންކާރާ (ޖުލައި 13): ތުރުކީން އަނެއްކާ ވެސް ސީރިއާއާ ގުޅުން ބަދަހި ކުރަން ނިންމާފައިވާ ކަމަށް ތުރުކީގެ ބޮޑުވަޒީރު ބިނާލީ ޔިލްޑްރިމް ވިދާޅުވެއްޖެ އެވެ.
ޓީވީ މެދުވެރިކޮށް ތުރުކީއާ މުހާތަބު ކުރައްވަމުން ބޮޑުވަޒީރު ޔިލްޑްރިމް ވަނީ "ޓެރަރިޒަމްއާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ކުރުމަށް ޓަކައި ސީރިއާ އާއި އިރާގަށް އަނެއްކާ ވެސް ހަމަޖެހުން ގެންނަން ޖެހޭ" ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ހާސިލު ކުރުމަށް ޓަކައި ތުރުކީއާއި އެސަރަހައްދުގެ އެހެން ގައުމުތަކާ އޮންނަ ޑިޕްލޮމެޓިކް ގުޅުންތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ ފަހަކަށް އައިސް ތުރުކީއަށްވެސް ގިނަ އަދަދެއްގެ ހަމަލާތައް ދީފަ އެވެ.
ތުރުކީން ސީރިއާއާ އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލީ 2011 ވަނަ އަހަރު ސީރިއާ ހަނގުރާމަ ފެށުނު ފަހުންނެވެ. ތުރުކީއިން ގަބޫލު ކުރާ ގޮތުގައި ސީރިއާއަށް ހަމަޖެހުން އަންނާނީ ރައީސް ބައްޝާރުލް އައްސަދު ވެރިކަމުން އިސްތިއުފާ ދެއްވުމުންނެވެ. އެހެންކަމުން ސީރިއާ ހަނގުރާމަ ފެށުނު ފަހުން ތުރުކީން ވަނީ ސީރިއާ ސަރުކާރާއި ސަރުކާރަށް ވާގިވެރިވާ ރަޝިއާއާ ދުރުހެލިވެފަ އެވެ. (ރޮއިޓާސް)