މާލެއިން ފުރައިގެން ޅ. އަތޮޅަށް މިއަދު ދަތުރުކުރި "މެގަ އާރު" ބޯޓުގައި ހުރި ބިދޭސީއަކު ހިތް ހުއްޓިގެން މަރުވެއްޖެ އެވެ.

ޅ. ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ސަން" އަށް މިއަދު ވިދާޅުވީ މަރުވި ބިދޭސީ މީހާއަކީ ނައިފަރު ކައިރީގައި އޮންނަ އެޓްމޮސްފިއާ ކަނިފުށި ރިސޯޓަށް ދާން ދަތުރުކުރި ބިދޭސީއެއް ކަމަށާއި، އޭނާ މަރުވުމުން އޭނާގެ ހަށިގަނޑު ނައިފަރަށް ބޭލީ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތްކަން ބޯޓުގައި ތިބި މީހުންނަށް އެނގުނީ މިއަދު ހެނދުނު އޭނާ ނުހޭލައިގެން އޭނާ ހޭލައްވަން އުޅުމުގެ ތެރޭގަ އެވެ.

ޅ. ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު އުމަރު އިބްރާހިމް "ސަން" އަށް ވިދާޅުވީ މަރުވީ 27 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށެވެ.

ޑޮކްޓަރުންނާ ހަވާލައިދީ، އުމަރު ވިދާޅުވީ އެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށާއި، އޭނާ މަރުވީ "ކާޑިއެކް ފެއިލިއާ" ނުވަތަ ހިތް ހުއްޓިގެން ކަމަށެވެ.

އަދި އޭނާ ވަޅުލުމުގެ ކަންތައްތައް ކުރުމަށް މާލެ ގެންދިއުމުގެ ކަންތައްތައް، އެޓްމޮސްފިއާ ކަނިފުށި ރިސޯޓުގެ ފަރާތުން ކުރަމުންދާ ކަމަށާއި، އޭނާގެ ހަށިގަނޑު އެ ރިސޯޓުގެ ހަވާލުގައި މާލެ ގެންދިއުމުގެ މަސައްކަތް ކުރާ ކަމަށް އުމަރު ވިދާޅުވި އެވެ.