13 Jul 2016, 15:36
މާފަންނުގެ ބައެއް ގެތަކުގެ ފާހާނާތަކުން ފެންނުހިނދި ބޭނުން ނުކުރެވި އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވެއްޖެއެވެ.
ކުރީގެ އޯޑިއޯން ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބުނީ މިދިޔަ މަހު 28 އިން ފެށިގެން ފާހާނާގެ ފެން ހިންދާ ނިޒާމްތަކުން ފެން ނުހިނދި ފާހާނާގެ ތެރޭގައި ފެންބޮޑުވާ މައްސަލަ ދިމާވާ ކަމަށެވެ. އެކަމުގެ ސަބަބުން ފާހާނާ ބޭނުންނުކުރެވި ނަޖިސް ބޭރުވެ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށް އެފަރާތްތަކުން ބުންޏެވެ.
"ތިން ދުވަސް މިވަނީ އެއްގޮތަކަށްވެސް ފާހާނާއިން ފެން ނުހިނދި ހުންނަތާ. ދެން ފާހާނާ ކުރަން މިޖެހެނީ ދުރުގައި އުޅޭ ތިމާގެ މީހެއްގެ ގެއަށްދާން،" އެސަރަހައްދުގެ ގެއެއްކަމަށްވާ މ. ހެޕީލައިފް ގޭގައި ތިން ދަރިންނާއެކު ދިރިއުޅޭ މުހައްމަދު ނާޝިދު ބުންޏެވެ.
ސަންގެ ނޫސްވެރިން އެސަރަހައްދަށްގޮސް ބެލިއިރު ބައެއް ގެތަކުގެ ފާހާނާތަކުގައި ވަނީ ވަރަށް ބޮޑަށް ފެންހެދިފައެވެ. އަދި ފާހާނާ ތެރެއަށް ނަޖިސް ބޭރުވެފައިވެސް އެބަހުއްޓެވެ. އަދި ދޭތެރެދޭތެރެއިން މަގުތަކަށްވެސް ފެން ބޭރުވެއެވެ.

އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބުނީ އެމްޑަބްލިޔުއެސްސީއިން އެބޭފުޅުންނަށް މައުލޫމާތުދެނީ އެހެންވަނީ އެސަރަހައްދުގައި އަލަށް އިމާރާތްކުރާ 13 ގެއަކުން ޖަންކްޝަންތަކަށް ފެންބޭރުކުރާތީ ޖަންކްޝަންތަކަށް ބާރު ބޮޑުވެގެން ކަމަށެވެ.
އެކަމާ ގުޅޭގޮތުން އެމްޑަބްލިޔުއެސްސީގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މާފަންނު ސަރަހައްދެއްގެ ޖަންކްޝަންތަކެއް ބެދިގެން އެމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއަދު އެކަން ހައްލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުދިކުދި ތަންކޮޅުތަކުގައި އެތަކެއް އާއިލާ ދިރިއުޅޭއިރު ފާހާނާ ބޭނުން ނުކުރެވުމުން އެތައް ބަޔަކަށް ދަނީ އޭގެ ދަތިކަން ފޯރަމުންނެވެ. އަދި އެގޮތަށް ނަޖިސް ނުހިނދިއޮތުމަކީ ބަލިމަޑުކަމަކަށް މަގުފަހިވެދާނެ ކަންކަމެވެ.