ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕް ކުރުމުގައި ބައިވެރިވި ކަމަށް ބުނާ ފުލުހުންގެ ތެރޭގައި ހިމެނޭ ހއ. ކެލާ، ފިނިވާގޭ، އަލީ ނަޝީދަށް 15 ދުވަހުގެ ތެރޭގައި އޭނާ ހުރި މަގާމާ އެއް ފެންވަރެއްގެ ވަޒީފާއެއް ދީ، 30 ދުވަހުގެ ތެރޭގައި ވަޒީފާ އިން ވަކިކޮށްފައި ކަމަށް ބުނާ ތާރީހުން ފެށިގެން މިއަދާ ހަމައަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ގާޒި މަރިޔަމް ނިހާޔަތު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ނަޝީދަށް ފުލުހުން ކުރާ ތުހުމަތަކީ ގާނޫނު އަސާސީންނާއި ފުލުހުންގެ ގާނޫނުން ފުލުހުންނަށް ހަވާލުކޮށްފައިވާ މަތިވެރި މަގްސަދާއި މަސްއޫލިއްޔަތާ ދިމާއިދިކޮޅު އަމަލެއް ކަމަށެވެ. އަދި އެފަދަ ކުށެއްގެ ދައުރެއް އަދާ ކުރި މީހަކު ނަމަވެސް ފުލުހުންގެ ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ކަމެއް ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

ގާޒީ ވިދާޅުވެފައި ވަނީ ނަޝީދުގެ މައްޗަށް ކިތަންމެ ބޮޑު ކުށެއްގެ ތުހުމަތު ކުރެވިފައި އޮތް ނަމަވެސް އެ މައްސަލައިގައި ނަޝީދަށް ފިޔަވަޅު އަޅާ ނަމަ ނުވަތަ ވަޒީފާއާ ބެހޭ ގަވާއިދުގެ ދަށުން އޭނާ ވަކި ކުރާ ނަމަ ކުރެވޭ ތުހުމަތަކީ ހަމައެކަނި ހީކުރެވޭ ހީކުރެވުމެއް ކަމުގައި ވެގެންނުވާނެ ކަމަށެވެ. އަދި އެ ތުހުމަތުގެ މައްޗަށް ބިނާކޮށް ނަޝީދަށް ފިޔަވަޅު އަޅާ ނަމަ އެ ކުށާއި ނަޝީދާ ގުޅުވައިދޭ ހެކިތަކެއް ހުންނަން ޖެހޭނެ ކަމަށް ވެސް ގާޒީ ވިދާޅުވެފައިވެ އެވެ.

އެ މައްސަލައިގައި ރޭޕް ކުރި ކަމަށް ބުނާ އަންހެން ކުއްޖާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ނަޝީދުގެ ވާހަކަ ކަނޑައެޅިގެން ބުނެފައިނުވާ ކަމަށެވެ. އަދި އެ މައްސަލައިގެ އަސްލު ފޮރުވުމަށް ނުވަތަ ހަގީގަތް އޮޅުވާލުމަށް ނަޝީދު މަސައްކަތް ކުރާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނި ނަމަވެސް އޭނާ އޮޅުވާލީ ނުވަތަ ފޮރުވީ މައްސަލައިގެ ކޮން އަސްލެއްކަން ނުވަތަ ހަގީގަތެއްކަން ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުނެދީފައިނުވާ ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ. ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން ވެސް އެކަންކަން ސާބިތުނުވާ ކަމަށް ގާޒި އެ ހުކުމުގައި ވިދާޅުވެފައިވެ އެވެ.

ގާޒީ ވިދާޅުވެފައި ވަނީ ނަޝީދަށް ކުރާ ތުހުމަތާއި އޭނާއާ ގުޅުވައިދޭނެ އެއްވެސް ހެއްކެއް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ ށ.ގެ ދަށުން މުވައްޒަފަކު ވަޒީފާ އިން ވަކި ކުރުމަށް އޮންނަ އޮތުމުގައި ފުލުހުން ކުރާ ތަހުގީގަކަށް ނަޝީދު ކުށެއް ކުރިކަން ސާބިތުވުމަށް އޮތް ހެއްކާއި ގަރީނާ ބަންޑާރަ ނައިބުގެ އޮފީހުން ސާފުކޮށްދީފައިނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެ ހުކުމުގައި ބުނެފައި ވަނީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ހިލާފުވެފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ގަބޫލު ކުރި ނަމަވެސް، އެފަދަ ހާލަތެއްގައި އެޅޭނެ އެހެން ފިޔަވަޅުތައް ހުރެމެ، ކުށާއި ނަޝީދާ ގުޅުވައިދޭނެ ކާފީ ހެކި ނެތި އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީން ލިބިދޭ ވަޒީފާ އަދާ ކުރުމުގެ ހައްގު ނިގުޅައިގަނެގެން ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ނަޝީދު ފުލުހުންގެ ތެރޭގައި ހުރި ވަޒީފާއާ އެއްވަރެއްގެ ވަޒީފާއެއް ދީ، އެއްވެސް އިރެއްގައި ނަޝީދު ވަޒިފާ އިން ވަކިވެފައިވާކަން ނުބެލުމަށާއި ގިނަވެގެން 30 ދުވަހުގެ ތެރޭގައި ވަކި ކުރި ކަމަށް ބުނާ ތާރީހުން މިއަދާ ހަމައަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ރައްދު ކުރުމަށް ގާޒީ އަމުރުކުރެއްވި އެވެ.