13 Jul 2016, 12:44
ރައްގާ (ޖުލައި 13): ސީރިއާގެ ރައްގާއަށް އިއްޔެ ވައިގެ ހަމަލާތައްދީ ގާތްގަނޑަކަށް 12 މީހަކު މަރާލާފައިވާ ކަމަށް ސީރިއާގައި ހަރަކާތްތެރިވާ އެކްޓިވިސްޓު ގުރޫޕުތަކުން ހިމެނެ އެވެ.
އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ބާރުގެ ދަށުގައިވާ ރައްގާއަށް ހަނގުރާމަވެރި ވައިގެ އުޅަނދުތަކުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އެއް އާއިލާގެ ހަތަރު ކުދިންނާއި އައިއެސްގެ ހަނގުރާމަވެރިން ހިމެނޭ ކަމަށް ރައްގާގެ ހައްގުގައި ވަކާލާތު ކުރާ ގްރޫޕަކުން ބުންޏެވެ.
އަދި އިއްޔެގެ ހަމަލާތަކުގައި ރައްގާ އިން އައިއެސްގެ ހަތް ހަނގުރާމަވެރިންނާއި އިދުލިބުން ކުޑަކުއްޖަކު މަރުވެފައިވާ ކަމަށް ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުންޏެވެ.
ސީރިއާގެ އެކި ސަރަހައްދުތަކަށް އިއްޔެ ވައިގެ ހަމަލާތައް ދީފައި ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހަށް ދެމިގެންދާ ގޮތަށް ހަމަލާ ދިނުން ހުއްޓާލާނެ ކަމަށް ސީރިއާގެ އަސްކަރިއްޔާއިން އިއުލާން ކޮށްފައި ވަނިކޮށެވެ.
ފަސް އަހަރު ވެފައިވާ ސީރިއާގެ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ވަނީ 280،000ށް އަރާފައި ކަމަށް އޮބްޒަވޭޓަރީ އިން ލަފާ ކުރެ އެވެ. (އަލްޖަޒީރާ)