ރޯމް (ޖުލައި 13): އިޓަލީގެ ދެކުނުގައި އޮންނަ ޕޫލިއާ ޕްރޮވިންސުން ދަތުރު ކުރަމުން ދިޔަ ދެ ރޭލު ޖެހި އިއްޔެ ހިނގި އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 25 އަށް އަރައިފި އެވެ.

ހަތަރު ކެރިޖް ހިމެނޭ އެދެ ރޭލު އެކްސިޑެންޓު ވެފައި ވަނީ ދެރޭލު ވެސް އެއް ޓްރެކެއް މަތިން ދަތުރު ކުރަމުން ދަނިކޮށް ކަމަށާއި އޭގެ ސަބަބުން ތިން ކެރިޖް އެއްކޮށް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 މީހުން ތިބީ ސީރިއަސް ހާލަތުގައި ކަމުން މަރުވި މީހުންގެ އަދަދު އިތުރު ވާނެ ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ލަފާކުރެ އެވެ.

ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި އެއެކްސިޑެންޓު ހިނގަން މެދުވެރިވީ ސިގްނަލް ދިނުމުގެ މައްސަލައެއްގެ ސަބަބުން ނުވަތަ އެއް ރޭލު ދުއްވަން ހުރި މީހާގެ ކުށުންނެވެ. ނަމަވެސް، ޓްރެކް އޮޕަރޭޓް ކުރާ ކުންފުނިން އަދި ހާދިސާއާ ގުޅިގެން އެއްވެސް އެއްޗެކޭ ބުނެފައި ނުވެ އެވެ.

އިޓަލީގެ ބޮޑުވަޒީރު މަޓެއޯ ރެންޒީ ވަނީ ހާދިސާ ހިނގަން މެދުވެރި ސަބަބު ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. (ގާޑިއަން)