އެއާލައިންތަކާއި އެއާޕޯޓުތަކުގެ ރިވިއުތަކާއި ރޭންކިން ހަދާ ސްކައިޓްރެކްސްއިން ދޭ ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑުގައި ބިޒްނަސް ކްލާސްއާ ގުޅުން ހުރި ޝަރަފުވެރި ދެ އެވޯޑެއް ގަތަރު އެއާވޭސްއިން ހާސިލުކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ފާންބޮރޯގައި ބޭއްވި މި އެވޯޑު ހަފްލާގައި ގަތަރު އެއާވޭސްއަށް ވަނީ ދުނިޔޭގެ ބެސްޓް ބިޒްނަސް ކްލާސް އެވޯޑާއި ބެސް ބިޒްނަސް ކްލާސް އެއާލައިން ލައުންޖް އެވޯޑު ލިބިފަ އެވެ.

މީގެ އިތުރުން ގަތަރު އެއާވޭސް އަށް ވަނީ މެދުއިރުމަތީ ސަރަހައްދުގެ ބެސްޓް އެއާލައިން ސްޓާފް ސާވިސް އެވޯޑު ވެސް ލިބިފަ އެވެ.

ސްކައިޓްރެކްސް އެވޯޑްސްއަކީ ދުނިޔޭގެ 160 ގައުމަކުން އެތައް މިލިޔަން ބަޔަކު، ސާވޭތަކެއް ފުރައިގެން ލިބޭ ނަތީޖާއަށް ބަލާފައި ދޭ އެވޯޑެކެވެ.

ގަތަރު އެއާވޭސް އަށް ލިބުނު ކާމިޔާބާ ގުޅޭ ގޮތުން އެ އެއާލައިނުގެ ސީއީއޯ އަކްބަރު އަލް ބަކުރު ވިދާޅުވީ މިއީ ގަތަރު އެއާވޭސްއަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

އަދި އެ އެއާލައިނަށް ލިބޭ ކޮންމެ ކާމިޔާބެއްގެ ފަހަތުގައި އެ އެއާލައިނުގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުން ވާކަމަށާއި އެ އެއާލައިނުގެ ޚިދުމަތްތައް އިތުރަށް ފުޅާ ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަތަރު އެއާވޭސްއަކީ ގަތަރުގެ ގައުމީ އެއާލައިނެވެ. އެ އެއާލައިނުން ދުނިޔޭގެ ހަ ބައްރުގައި 150 އަށް ވުރެ ގިނަ މަންޒިލަށް ދަތުރުކުރެ އެވެ. އެ އެއާލައިނުގެ ފްލީޓުގައި 186 އެއާކްރާފްޓު އޮވެ އެވެ.