ރާއްޖޭގެ ކުޑަ ދެ ކުއްޖަކަށް ޕޮލެންޑްގެ ފުޓްބޯޅަ އެކަޑަމީއެއްގައި ތަމްރީން ހެނދުމުގެ ފުރުސަތު ލިބެއްޖެ އެވެ.

ހުޅުމާލޭ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ޕޮލެންޑްގެ ކޮންކޯޑިއާ އެލް ބްލެކް އެކަޑަމީގެ ކޯޗެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ ކޯޗިން ކޭމްޕް ފުރިހަމަ ކުރި ކުދިންގެ ތެރެއިން ޣާޒީސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ އުމުރުން 11 އަހަރުގެ ޔޫސުފް ޝާއިފް އާއި 12 އަހަރުގެ މުހައްމަދު އުނައިސް ބިން ނޫހް އަށް ވަނީ 14 ދުވަހުގެ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ފުރުސަތު ދީފަ އެވެ.

އެކަމާ ގުޅޭ ގޮތުން 'ސަން' ވާހަކަ ދައްކަމުން ހުޅުމާލޭ ސްޕޯޓްސް އެކަޑަމީގެ ކޯޗު އަހުމަދު ނިމާލް ބުނީ އެ އެކަޑަމީގެ ފަރާތުން ކުރިއަށް ގެންދިޔަ ކޯޗިން ކޭމްޕްގެ ތެރެއިން ހުނަރުވެރި ދެ ކުދިންނަށް އެކުދިންގެ ހުނަރު ޕޮލެންޑްގައި ދައްކާލުމުގެ ފުރުސަތު ވަނީ ލިބިފައި ކަމަށާއި އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެ ދެ ކުދިންނާއި ޕޭރެންޓެއްގެ އިތުރުން ކޯޗެއް ވެސް ޕްލެންޑަށް ދިއުމަށް އަންނަނީ ތައްޔާރު ވަމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ހަމައެކަނި މިޖެހެނީ ދެ ކޮޅު ޓިކެޓްގެ ހަރަދު އެކަނި ކުރަން. އެހެން ހުރިހާ ހަރަދެއް ކުރާނީ ކޮންކޯޑިއާ އެލް އެކަޑަމީން. މި ފުރުސަތުގެ ބޭނުން އެ ދެކުދިން ވަރަށް ރަނގަޅަށް ހިފާނެ،" ނިމާލް ބުންޏެވެ.

ނިމާލް ބުނީ ޕޮލޭންޑްގައި ހޭދަކުރާ 14 ދުވަހުގެ ތެރޭގައި އެގައުމުގެ ދެ އެކަޑީމީއެއްގައި އެ ދެ ކުދިންނަށް ތަމްރީން ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އަދި ކޮންކޯޑިއާ އެކަޑަމީން 12 އަހަރުން ދަށުގެ ކުދިންނަށް ބާއްވާ ފުޓްބޯޅަ މުބާރާތެއް ބަލާލުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށެވެ.