13 Jul 2016, 11:19
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފޮރިން މިނިސްޓަރު ކަމަށް ޑރ. މުހައްމަދު އާސިމް އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑރ. އާސިމަށް ހުވާ ލައިދެއްވީ ސޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިގުރާރުގައި އެމަނިކުފާނު ވަނީ ސޮއިކުރެއްވައިފަ އެވެ.
ޑރ. އާސިމް މިހާތަނަށް ހުންނެވީ ރާއްޖެއިން ބަންގުލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ.
އާސިމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ އަދި އެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ 24 އޮކްޓޫބަރ 2004 ގައި، ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަގާމަށް ޢައްޔަނު ކުރެއްވި ހިސާބުން ފެށިގެންނެވެ. އޭގެ ފަހުން، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ކަމުގެ މަގާމާއި، ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމާއި، ޔޫރަޕިއަން ކޮމިޔުނިޓީސްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމު ފުރުއްވާފައިވެއެވެ.
މީގެއިތުރުން، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީ ކަމުގެ މަގާމާއި، ދިވެހި ދައުލަތުގެ ސަފީރުކަމުގެ މަގާމުވެސް އާސިމް ފުރުއްވާފައިވެއެވެ. ޚާރިޖީ ދާއިރާއާ ގުޅިވަޑައިގަތުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަގާމުތަކެއްގައި އާސިމް ވަނީ ޚިދުމަތް ކުރައްވާފައެވެ. އެގޮތުން އެ އޮފީހުގެ ޕްރެޒިޑެންޝަލް އެއިޑް ކަމާއި، ޑިރެކްޓަރ، އެމްޕްލޯއިމަންޓް އެފެއާޒްކަމާއި، ޑިރެކްޓަރ ޖެނެރަލް، އެމްޕްލޯއިމަންޓް އެފެއާޒް ކަމުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.
އާސިމް ޕީއެޗްޑީ ހާސިލު ކުރައްވާފައިވަނީ، ޕޮލިޓިކަލް ސައެންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިންނެވެ. އެއީ، ދަ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަރސިޓީގައި 1999 ވަނަ އަހަރުއެވެ. އިންޓަނޭޝަނަލް އެފެއާޒުގެ ދާއިރާއިން މާސްޓަރޒް ހާސިލު ކުރައްވާފައިވަނީ 1987 ވަނަ އަހަރު އެމެރިކާގެ ދަ ކެލިފޯނިއާ ސްޓޭޓް ޔުނިވާސިޓީންނެވެ.
ފޮރިން މިނިސްޓަރުކަމަށް ޑރ. އާސިމް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި ދުންޔާ މައުމޫން މިމަހުގެ ފަސް ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.