13 Jul 2016, 11:10
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި، އެއާޕޯޓުގެ ނަން ޖެހުމަށް ހަރުކޮށްފައިވާ އަކުރުތައް ވަނީ ވެއްޓިފައި ނޫން ކަމަށާއި، އެ އަކުރުތައް އެހުރީ ބޮކި ހަރުކުރުމަށް ނަގާފައި ކަމަށް މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.
އެމްއޭސީއެލްގެ މެނޭޖާ ކޯޕަރޭޓް ކޮމިއުނިކޭޝަން ހަސަން އަރީފް "ސަން" އަށް ވިދާޅުވީ އެއާޕޯޓުގެ ނަން ޖެހުމަށް ބޭނުންކޮށްފައިވާ ތާނަ އަދި ލެޓިން އަކުރުތަކުގެ ތެރެއިން ބައެއް އަކުރާއި ފިލި މަދުވަނީ އެތަކެތި ދިއްލުމަށްޓަކައި ލެޑް ލައިޓު ހަރުކުރުމަށް ނަގާފައިވާތީ ކަމަށެވެ.
އަދި އެއްވެސް ހާލެއްގައި އެއީ އަކުރުތައް ނެއްޓިފައި ނޫން ކަމަށާއި އަކުރުތަކުގައި ބޮކި ހަރުކުރުމަށްފަހު ވަރަށް އަވަހަށް ހަރުކުރެވޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.
އެމްއޭސީއެލްއިން މިހެން ބުނެފައިވާ އިރު، އެއާޕޯޓުގެ ރަންވޭއާ ދިމާލުން ބޮޑުކޮށް ޖަހާފައިވާ އެއާޕޯޓުގެ ނަމުގެ ބައެއް އަކުރުތައް ނެތުމުން ގިނަ ބަޔަކު ދަނީ އެ މަންޒަރުގެ ފޮޓޯ ނަގައި، ސޯޝަލް މީޑިއާގައި އެ ފޮޓޯތަކަށް ފާޑު ކިޔަމުންނެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން އެއާޕޯޓުގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ކުރުމަށް މިދިޔަ މޭ މަހުގެ 21 ވަނަ ދުވަހު ވަނީ ހަވާލު ކުރެވިފަ އެވެ.
އަށްސަތޭކަ މިލިޔަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން އާ ޓާމިނަލް އިމާރާތް ކުރަނީ އެއާޕޯޓްގެ ހުޅަނގު ދެކުނު ފަރާތުން އަލަށް ހިއްކި 73،000 އަކަމީޓަރުގެ ސަރަހައްދުގަ އެވެ.
މީގެ އިތުރުން އެއާޕޯޓުގެ އުތުރުގައި ޗައިނާގެ ސައިނޯހައިޑްރޯ ކުންފުނިން އާ ހަދައި، މިދިޔަ އަހަރު އެތަން ހުޅުވާފައިވާ އިރު އެއާޕޯޓުގައި ދެވަނަ ރަންވޭއެއް އެޅުމަށް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކުރުމަށް ވަނީ ނިންމާފަ އެވެ. އެއާޕޯޓުގެ އާ ރަންވޭ އަޅަނީ ޗައިނާގެ އެކްސްޕޯޓު އިމްޕޯޓު ބޭންކުން 373 މިލިޔަން ޑޮލަރުގެ ލޯނު އެހީ ހޯދައިގެންނެވެ.
އެމްއޭސީއެލްއިން ބުނެފައިވާ ގޮތުގައި އާ ރަންވޭއާއި ފިއުލް ފާމެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ އެވެ.