މުޅި ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު، ވޭތުވެ ދިޔަ ތިން ހަފްތާގައި ދައްވަމުންދާ ކަމަށާއި ނަމަވެސް ޑެންގީ އިން ރައްކާވެ ތިބުމަށް މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އިލްތިމާސްކޮށްފި އެވެ.

އެ އޭޖެންސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރު ޑެންގީ ފެތުރެމުން ދަނީ ވިއްސާރަވުމާ އެކު އަދި ރޯދައާ ގުޅިގެން ކުނި އުކާލުން އިތުރުވެ، ފެންހަރުލާ އަދި މަދިރި އާލާވާ ގޮތަށް އެކުލެވިފައިވާ ކުނީގެ ސަބަބުން ކަމަށެވެ. އެހެން ކަމާ އެކު ޑެންގީ ކޭސްތައް ފެންނަމުންދާ ރަށްރަށުގައި މަދިރި އާލާވާ ތަންތަން ނައްތާލުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު އެންމެ ގިނައިން ޑެންގީ ކޭސް ފެނިފައި ވަނީ 15 މޭ އިން 21 ގެ ނިޔަލަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި 106 ކޭސް ރާއްޖޭގެ އެކި ހިސާބުތަކުން ފެނިފައިވާ އިރު ވޭތުވެ ދިޔަ ހަފްތާގައި ފެނިފައި ވަނީ 50 ކޭސް ކަމަށެވެ. ނަމަވެސް އަދިވެސް ބައެއް ރަށްރަށުގައި ޑެންގީގެ އާ ކޭސްތައް ފެންނަމުންދާ ކަމަށް އެ އެޖެންސީ އިން ބުންޏެވެ. އެ ގޮތުން ވޭތުވެ ދިޔަ ދެ ހަފްތާގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ މާލެ އަދި ހުޅުމާލޭގެ އިތުރުން ހއ. އިހަވަންދޫ ގައާއި ލ. އިސްދޫން ކަމަށް ބުންޏެވެ. ލ. އިސްދޫން 14 ދުވަހުގެ ތެރޭގައި 32 މީހުންނާއި ކުދިންނަށް ޑެންގީ ޖެހިފައިވާ ކަމަށާއި ހުޅުމާލެ އިން 11 ކޭސް އަދި ލ. އިސްދޫ އިން ނުވަ ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.