13 Jul 2016, 10:51
އެފްރިކާއަކީ އިންޑިއާ އަށް އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ބޮޑެތި ފައިދާތަކެއް ނެގިދާނެ ބައްރެއްކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
އެފްރިކާގެ ހަތަރު ގައުމެއްކަމަށްވާ މޮޒަންބީކް، ދެކުނު އެފްރިކާ، ޓެންޒެނިޔާ އަދި ކެންޔާއަށް މޯދީ ކުރެއްވި ހަ ދުވަހުގެ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އިންޑިއާއަށް އެނބުރި ވަޑައިގެން ދެއްވި ބަޔާނެއްގައި ވިދާޅުވީ އޭނާގެ އެފްރިކާގެ ދަތުރުފުޅު ކާމިޔާބު ކަމަށާ އެދަތުރުފުޅުގެ ސަބަބުން އިގްތިސާދާއި ވިޔަފާރީގެ ގިނަ ކަންތައްތަކަކަށް މަގު ހުޅުވިގެން ހިނގައްޖެ ކަމުގަ އެވެ.
އިންޑިއާއާއި އެފްރިކާގެ ބައެއް ގައުމުތަކާ ޒަމާންވީ ސިޔާސީ ރަހްމަތްތެރި ކަމެއް އޮތް ނަމަވެސް އެފްރިކާގެ ގައުމުތަކާ އެކު އިގްތިސާދީ މާބޮޑު މުއާމަލާތްތަކެއް އިންޑިޔާއަކުން ނުހިންގަ އެވެ. ބޮޑު ސަރަހައްދީ ބާރެއްގެ ގޮތުން އިންޑިއާގެ އިގްތިސާދު ހުޅުވާލާފައިވާތާ ވިއްސަކަށް އަހަރު ވީނަމަވެސް އިންޑިއާއަކީ އެފްރިކާގައި އިންވެސްޓްކޮށްގެން ފައިދާ ހާސިލް ކުރެވޭވަރަށްވުރެ މާލީގޮތުން ފަގީރު ގައުމެކެވެ. އެހެންކަމުން އެފްރިކާގައިވާ ރޯ މެޓީރިއަލް ޕްރޮސެސްކޮށްގެން އެއިން އިގްތިސާދީ ފައިދާ ހާސިލްކުރުމަށް ޗައިނާއާއި އެމެރިކާއާއި ޔޫރަޕުން ކުރަމުން ގެންދާ ފަދަ މަސައްކަތްތައް ކުރުމުގެ ގާބިލްކަމެއް އިންޑިޔާގެ ކިބާގައި ނުވެ އެވެ.

މޯދީ މުޒަންބީކްގެ ރައީސް ގެ އަރިހުގައި
މީގެބަދަލުގައި ޚުދު އިންޑިޔާއަކީ ބޭރުގެ އިންވެސްޓްމަންޓްތައް އިންތިހާއަށް ބޭނުންވެގެން އޭގެ ފަހަތުން ދުވާ ގައުމެކެވެ. އަދި އިންޑިޔާގެ ކުންފުނިތަކަކީ ވެސް އެފްރިކާ ބައްރުގައި ޗައިނާގެ ކުންފުނުތަކުން ކުރާވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް (ފަންނީގޮތުންނާއި މާލީގޮތުން ބެލިނަމަވެސް) ކުރެވޭފަދަ ކުންފުނިތަކެއްނޫނެވެ. ނަމަވެސް އެފްރިކާގެ ހަތަރު ގައުމަކަށް މޯދީ ކުރެއްވި ދަތުރުފުޅަކީ އެފްރިކާގެ ބާޒާރަށް އިންވެސްޓަރެއްގެ ގޮތުގައި ވަނުމަށް އިންޑިޔާ ޖެހި ފުރަތަމަ ޓަކި ކަމަށް މުރާސިލުންވަނީ ސިފަކޮށްފަ އެވެ.
މޯދީގެ ދަތުރުފުޅުގައި ވަޑައިގެންނެވި ގައުމުތަކާއެކު އިންޑިއާގެ މަސްއޫލުވެރިންނާއި އެގައުމުގެ ބައެއް ކުންފުނިތަކުގެ ވެރިންވަނީ ގިނައަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފަ އެވެ. މީގެތެރޭގައި އިންޑިޔާގައި އުފައްދާ ބޭހާއި މެޝިނަރީއާއި އެނޫން ވެސް އާންމު މުދާތައް އެކްސްޕޯޓް ކުރުމާއި އިންޑިޔާއަށް ބޭނުންވާ ރޯމެޓީރިއަލް އެގައުމުތަކުން އިންޕޯޓް ކުރުމުގެ އެއްބަސްވުންތަކާއި ޓްރާންޕޯޓާއި ދަތުރުފަތުރާ ބެހޭ އެއްބަސްވުންތަކާ އަދި ހަކަތައިގެ ދާއިރާގެ އެއްބަސްވުންތައް ހިމެނެ އެވެ.

މޯދީ ދެކުނު އެފްރިކާގައި ސަގާފީ ކުޅިވަރެއް ބައްލަވާލައްވަނީ
ހަކަތައިގެ ދާއިރާގެ އެއްބަސްވުންތަކުގެ ތެރޭގައި އެގައުމުތަކުގައި އިންޑިއާގެ ކުންފުނިތަކުން އިލެކްޓްރިކް ޕަވަރ ސްޓޭޝަންތައް ބިނާކޮށްދިނުމާއި މޮޒަންބީކްގެ ގުދްރަތީ ގޭސް އިންޑިޔާއަށް އިންޕޯޓް ކުރުންފަދަ ކަންކަން ހިމެނެއެވެ. ޓްރާންސްޕޯޓްގެ ދާއިރާތަކުގެ ތެރޭގައި ރޭލްވޭތަކާއި މަގުތައް ބިނާކޮށްދިނުމާއި ބަނދަރުތައް ބިނާކޮށްދިނުންފަދަ ކަންކަން ހިމެނެ އެވެ. މީގެއިތުރުން ތައުލީމާއި ދަނޑުވެރިކަމާއި އައިޓީ ދާއިރާއާއި ރިއަލް އެސްޓޭޓާއި ސިނާއީ ދާއިރާތަކާއި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ އެއްބަސްވުންތަކުގައި މިހަތަރު ގައުމާއެކު އިންޑިއާއިންވަނީ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ މިންވަރު އެތަށް ބިލިޔަން ޑޮލަރަށް އަރަ އެވެ.
އިންޑިއާ އިން އެފްރިކާގެ ގައުމުތަކާއެކު ކުރާ ވިޔަރާފީގެ މުއާމަލާތްތަކާއި އިންވެސްޓްތަކުގެ މިންވަރު ތިން ބިލިޔަން ޑޮލަރަށް އަރާއިރު ޗައިނާއިން އެފްރިކާއާ ކުރާ އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު އުޅެނީ ސަތޭކަ ބިލިޔަން ޑޮލަރަށްވުރެވެސް މަތީގަ އެވެ.
މޯދީގެ ދަތުރުފުޅުގައި ޝާމިލްވި މޮޒަންބީކް، ދެކުނު އެފްރިކާ، ޓެންޒެނިޔާ އަދި ކެންޔާއަކީ އެގައުމުތަކުގެ ރައްޔިތުންގެ ގޮތުގައި އިންޑިޔާ ދަރިކޮޅުގެ މީހުން ވެސް ގިނަ ގައުމުތަކެކެވެ. އިންޑިޔާ އެފްރިކާއަށް ވަންނަން މަސައްކަތް ކުރަނީ އޭޝިޔާގައި އިންޑިޔާއާ ވާދަކުރާ ޗައިނާ އެފްރިކާގައި ކުރަމުންގެންދާ ބޮޑެތި އިންވެސްޓްމަންޓްތަކާމެދު ކަންބޮޑުވާތީ ކަމަށް ވެއެވެ. ނަމަވެސް އިންޑިއާ ސަރުކާރާއި އެގައުމުގެ ކުންފުނިތަކުގެ މާލީ ހާލަތު އަދި އޮތީ އެފްރިކާގައި ފުޅާދާއިރާއެއްގައި އިންވެސްޓް ކުރެވޭވަރަށް ވުރެ މާބަލިކަށި ހާލަތެއްގައި ކަމަށް މާލީ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)