13 Jul 2016, 10:41
މޯލްޑިވްސް ޕޯޓސް ލިމިޓެޑް (އެމްޕީއެލް) އިން އެމްޕީއެލްކޯގެ ނަމުގައި ކޯޕަރޭޓް ސޮސައިޓީއެއް އުފައްދައިފި އެވެ.
މި ސޮސައިޓީގެ ބޭނުމަކީ އެމްޕީއެލްގެ މުވައްޒަފުންނަށް ލުއި ފަސޭހަތަކެއް ގެނެސްދިނުން ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
އެގޮތުން، އެ ސޮސައިޓީގެ ފަރާތުން މީރުބަހުރުގައި ފިހާރައަކާއި ކެފޭއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލްއިން ބުނެ އެވެ. މި ފިހާރައާއި ކެފޭއިން އެމްޕީއެލްގެ މުވައްޒަފުންނަށް ޚާއްސަ އިނާޔަތްތަކެއް ލިބޭ އިރު، މީރުބަހުރު ބަނދަރުގެ ބޭނުން ހިފާ ރައްޔިތުންނަށް ވެސް އެތަންތަނުން ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޕީއެލް އިން ބުނީ އެކުންފުނީގެ ކޯޕަރޭޓިވް ސޮސައިޓީއަށް އާމްދަނީގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއެއް ޚާރަދުކުރާނީ އެމްޕީއެލްގެ މުވައްޒަފުންގެ ކަންތައްތައް ކުރުމަށް ކަމަށާއި އެ ސޮސައިޓީގެ ފަރާތުން މުވައްޒަފުންނަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށެވެ.
އެމްޕީއެލް ކޯޕަރޭޓިވް ސޮސައިޓީ އުފައްދައި، އެތަން ވަގުތީ ގޮތުން ހިންގުން ހަވާލު ކޮށްފައި ވަނީ އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު މަހުޖޫބާއާ އެވެ.
މި ސޮސައިޓީ އުފެއްދީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދުގެ އިސްނެންގެވުމެއްގެ މަތިންނެވެ.