13 Jul 2016, 00:46
ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރ ވިލިއަން، އެ ކްލަބާއެކު ހަތަރު އަހަރު ދުވަހުގެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިދިޔަ ސީޒަންގައި ޗެލްސީއަށް 59 މެޗު ކުޅެ 13 ލަނޑު ޖަހާފައިވާ ވިލިއަން، އެ ކްލަބާއެކު އެއްބަސްވުން އާކޮށްފައި މިވަނީ ކުރިން ވެފައިވާ އެއްބަސްވުމުގައި ބާކީ ދެއަހަރު އޮއްވައެވެ.
އުމުރުން 27 އަހަރުގެ ބްރެޒިލް މިޑްފީލްޑަރު 2013 ވަނަ އަހަރު ރަޝިއާގެ އާންޒީ މަކަޝްކަލާއިން ޗެލްސީއަށް ބަދަލުވީ 30 މިލިއަން ޔޫރޯގެ ޓްރާންފާ ފީއަކަށެވެ.
"މި ކްލަބަށް އިތުރަށް ކުޅުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް، އަދި ކުރިއަށް އޮތް ހަތަރު އަހަރު މި ކްލަބަށް އިތުރު ޓްރޮފީ ތަކެއް ހޯދައިދިނުމަށް އެހީތެރިވާނަން،" ވިލިއަން ބުންޏެވެ.
މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގެ 10 ވަނައިގައި ނިންމާލި ޗެލްސީގެ މޮޅުކުޅުންތެރިޔާގެ މަގާމު ހޯދި ވިލިއަން ވަނީ، އެ ކްލަބަށް އޭނާ ކުޅުނު 140ގައި ޖުމުލަ 19 ލަނޑު ކާމިޔާބުކޮށްފައެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް 2011 ވަނަ އަހަރު ކުޅެންފެށި ވިލިއަން ވަނީ އެޓީމަށް މިހާތަނަށް 30 މެޗު ކުޅެ ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިދިޔަ ހަފްތާގައި ޗެލްސީން ވަނީ، ފްރާންސްގެ ލިލްއަށް ކުޅެމުންއައި ބެލްޖިއަމް ފޯވާޑް މިޗީ ބަޓްޝުއައީ 33 މިލިއަން ޔޫރޯއާ ގާތްކުރާ އަގަކަށް އެޓީމަށް ގެނެސްފައެވެ. އެއީ ޗެލްސީގެ އާ ކޯޗް އެންޓޯނިއޯ ކޮންޓޭ އެ ކްލަބާ ހަވާލުވިފަހުން ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.