13 Jul 2016, 00:18
ފްރާންސްގެ ލިޔޯންއަށް ކުޅެމުންއައި ޑިފެންޑަރު ސަމިއަލް އަމްޓިޓީ، 25 މިލިއަން ޔޫރޯގެ ފީއަކަށް ސްޕެނިޝް ޗެމްޕިއަން ބާސެލޯނާއާ ގުޅިއްޖެއެވެ.
އަމްޓިޓީ ބާސާއަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އަދި އޭނާގެ ބައިއައުޓް ކްލޯޒްގައި ވާގޮތުން، ނުވަތަ އެހެން ކްލަބަކުން އޭނާ ގަންނަން ބޭނުންވެއްޖެ ހާލަތެއްގައި އެފަރާތަކުން ބާސާއަށް 60 މިލިއަން ޔޫރޯގެ ފީއެއް ދަންކަން ޖެހެއެވެ.
އުމުރުން 22 އަހަރުގެ ޑިފެންޑަރު ފްރާންސްގެ ގައުމީޓީމަށް ފުރަތަމަ މެޗެއް ކުޅުނީ، ނިމިގެންދިޔަ ޔޫރޯ 2016ގެ ކުއާޓަރ ފައިނަލްގައެވެ. އަދި ޔޫރޯ ފައިނަލްގައި ޕޯޗްގަލް އަތުން 1-0 ލަނޑުން ފްރާންސް ބަލިވި މެޗުގައިވެސް އަމްޓިޓީ ކުޅުނެވެ.
ލިޔޯންއަށް 150އަށް ވުރެ ގިނަ މެޗު ކުޅެފައިވާ އަމްޓިޓީ ވަނީ އެޓީމާއެކު 2012 ވަނަ އަހަރުގެ ފްރެންޗް ކަޕް ކާމިޔާބުކޮށްފައެވެ.
ބާސާއިން ވަނީ އަމްޓިޓީ އެ ކްލަބާ ގުޅޭނޭކަން މިދިޔަ ޖޫންމަހު އިއުލާނުކޮށްފައެވެ. އަދި އަންގާރަ ދުވަހު އޭނާ ބާސާއާ ގުޅިފައިވާކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.
މަސްދަރު:ބީބީސީ ސްޕޯޓްސް