13 Jul 2016, 08:45
ތޮއްޖެހިފައިވާ ތަންތަނަށް މާލޭގެ ބަނދަރުގެ މިސާލުން މިސާލު ދައްކަން ހަމަރަނގަޅެވެ. އިމާރާތެއްގެ މަތިން އެތަން ބަލާލާ މީހަކު ފުރަތަމަ ވެސް ކުރާނެ ސުވާލަކީ އެތަނަށް ވަދެ ނުކުންނަނީ ކިހިނެއްތޯ އެވެ. މުޅި ސަރަހައްދު ފުރި ތޮއްޖެހިފަ އެވެ. މިއީ އަތޮޅު ތެރެއިން މާލެއަންނަ ބޯޓްތައް ބަނދަރުކުރުމަށް ހަދާފައިވާ "މީރުބަހުރު" ބަނދަރުގެ ހާލަތެވެ. ވެރިކަންކުރާ މާލެއަށް މުޅިންހެން ޖާގައިގެ ދަތިކަން ދިމާވެފައިވާ އިރު އެ ބަނދަރުގެ ހާލަތު ވެސް އޮތީ އެހާ ދެރަހާލަތުގަ އެވެ.
އަތޮޅުތެރެއިން ހިދުމަތެއް ނުލިބޭ އިރު ހުރިހާ ކަމެއްހެން ހޯދުމަށް އަންނަން ޖެހޭ މާލެއަށް އަތޮޅުތެރޭ އެކި ސަރަހައްދުން އެތަކެއް ބޯޓެއް ދަތުރުކުރެ އެވެ. މުޅިންހެން އުޅެނީ ބޮޑެތި ބޯޓުފަހަރެވެ. އެތައް ބަޔަކާ އެތައް ހާސް ރުފިޔާއެއްގެ މުދާ އުފުލާ އެބޯޓްތައް ކޮންމެ ދުވަހަކުހެން ދަތުރުތައްކުރާ އިރު އެ ބަނދަރަށް މިހާރު ކެތްވާވަރެއް ނޫނެވެ. މީހުން ފައިބަން ނުވަތަ މުދާ ބާލަން އެޖެހެނީ އެބޯޓުން އަނެއްބޯޓުން ހަތަރު ފަސް ބޯޓު ބޭރުން ވަރަށް ވެސް ދަތިހާލުގަ އެވެ.
"މިހާރު ރަށުން އައިސް ކައިރިނުކޮށް އެއްދުވަސް ނޫނީ ދެ ދުވަސް އޮންނަންއެބަޖެހޭ، އެކަމާހެދި މުދަލެއް ނޭރުވޭ، މިއީ ގެއްލުމެއް، އަހަރުންނަށް ލާރި ލިބެނީ ކުރާ ދަތުރަކަށް، އެހެންވީމާ އަހަރަމެންނަށް ގެއްލުންތާ، ހަމައެހެން މިތާ އޮންނަ ހަމަ އެދުވަސްވަރު ވެސް ހަރަދުތައް ހިނގާނެއެއްނު،" ރ. މީދޫ, ޖަޒީރާ ބޯޓުގެ ފަޅުވެރިޔާ ހަސަން އަލީ ބުންޏެވެ.
މިކަމުގެ ސަބަބުން އެތައް ގެއްލުމެއް އެ ބޯޓް ފަހަރަށާއި އޭގެ ވެރިންނަށް ދަނީ ކުރިމަތިވަމުންނެވެ. ދަތުރުތައް ލަސްވުމުން ބޯޓުތަކަށް ކުރަން ޖެހޭ ހަރަދުތައްބޮޑުވެ އެވެ. ފަޅުގައި އޮންނަ ކޮންމެ ދުވަހަކު ކެއިންބުއިމަށް ކުރަން ޖެހޭ ފަދަ ހަރަދުތައް އެއީ އެ ބޯޓުތަކުގެ ވިޔަފާރިއަށްވާ ގެއްލުމެކެވެ. ހަމައެއާ އެކު އަވަސްއަވަހަށް ދަތުރު ނުކުރެވުމުން މުދަލާއި މީހުން އުފުލޭ މިންވަރު ދަށްވެ ލިބޭ އާމްދަނީ ދަށްވާ ކަމަށް އެފަރާތްތަކުން ބުނެ އެވެ.
ޖަޒީރާ ބޯޓުގެ ފަޅުވެރިޔާ ހަސަން އަލީ ސަން އަށް އިންޓަވިއުދެނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް
"މިހާރު ފަސޭހައަކުން ކައިރިއެއް ނުކުރެވޭ، ކުރިން ދެ ދުވަހު އޮވެފައި ދަތުރެއް ކުރެވޭ، މިހާރު މިދަނީ މާ ލަސްވަމުން." ށ.މިލަންދޫ، ފުރާގް ބޯޓުގެ ވެރިޔާ ހަސަން ނާސިރު ބުންޏެވެ.
ހަސަން ބުނީ ދޯނިތައް ދަތުރުކުރެވޭ ދޭތެރެ ލަސްވެ ރަށުގެ ފިހާރަތަކަށް މުދާ ލިބުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. މިއީ ތަކެތީގެ އަގުބޮޑުވެ ބައެއް ތަކެތި ރަށުން ނުލިބުމަށް ދިމާވާނެ ސަބަބެއްކަން ޔަގީނެވެ.
ކައިރިކުރަންވުމަށް ކުރިމަތިވެފައިވާ ދަތިތަކާ އެކު ބޯޓްތަކަށް ގެއްލުންތައް ލިބެމުން އައުމުގެ ކަންބޮޑުވުން ބޯޓް ދުއްވާ ފަރާތްތަކުން ވަރަށް ބޮޑެވެ. ބޯޓް ވައްދައި ނެރެ އުޅުމުގެ ތެރެއިން އެއްބޯޓް އަނެއް ބޯޓް ޖެހި ބޮޑެތި ގެއްލުންތަކެއްވާ ކަމަށް އެފަރާތްތަކުން ބުނެ އެވެ.
"ދޯނި ފަހަރު ވައްދާއިރު އެއްދޯނި އަނެއްދޯންޏާއި ޖެހިގެން ވެސް ގެއްލުންވޭ، މިހާރު އަހަރުން އަތުން ހިނގައްޖެ 3500 ރުފިޔާ އެއްފަހަރަކު ދޭންޖެހުނު، ދޯންޏެއްގެ މުށްގަނޑުގައިޖެހިގެން، މިފަދަ ގެއްލުންވަންޔާ ވަރަށް ދެރަކަމެއް." ބ.ތުޅާދޫ ބޯޓެއްގެ ކޭޝިއަރުކަމަށްވާ ޔޫސުފް ގާސިމް ބުންޏެވެ.
ތުޅާދޫ ބޯޓުގެ ޔޫސުފް ގާސިމް ސަންއަށް އިންޓަވިއޫ ދެނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް
މިހެން މިވީ ކީއްވެ؟
ބޯޓްތައް ގިނަވެ މީރުބަހުރު ބަނދަރު ކުޑަވުމުގެ މައްސަލައަކީ މިއަދު ޖެހިގެން އުޅޭ މައްސަލައެއް ނޫނެވެ. މިއީ ވަރަށް ޒަމާންވީ މައްސަލައެކެވެ. ނަމަވެސް މީގެ ކުރިން މިވަރެއް ނޫނެވެ. މިހާ ހިސާބަށް މިކަންދިޔައީ އެއްނަމްބަރު ފާލަމާއި ލޯކަލް މާރުކޭޓާއި ދެމެދު އޮންނަ ފަޅު ބަންދުކުރުމާއެކު އެވެ.
އެއީ ގިނަ އަދަދެއްގެ ކަންނެލި ދޯނި އަޅާފަޅަކަށްވާ އިރު މިދިޔަ އަހަރު ތެރޭގައި އާންމު އުޅަނދުފަހަރަށް ނުވަދެވޭގޮތަށް އެފަޅުވަނީ ބަންދުކޮށްފަ އެވެ. އެއާއެކު އެތަނަށް ބަނދަރުކުރާ ހުރިހާ ކަންނެލި އޮޑިފަހަރެއްހެން ދާންޖެހުނީ ކުރިން ވެސް ފުރިފައިވާ މީރުބަހުރު ބަނދަރަށެވެ. ނަތީޖާއަކީ ކެތްނުވާވަރަށް އެ ތަން ފުރުމެވެ.
"މީގެ ކުރިން ވެސް ދަތި، އެކަމަކު މިހާރު މިހެން ވަނީ ކަންނެލި ދޯނިތައް ގިނަކަމުން." މާލެއާއި އަތޮޅުތެރެއާއި ދޭތެރޭ ދަތުރުކުރާ ބޯޓްގައި އުޅޭތާ 10 އަހަރުވެފައިވާ ހަސަން ބުންޏެވެ.
އެމްޕީއެލްއިން ބުނަނީ ހައްލެއް ރާވަމުން އަންނަ ކަމަށް!
މީރުބަހުރު ބަނދަރު ސަރަހައްދު ބަލަހައްޓާ މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް) ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ އެބަނދަރަކީ އަތޮޅުތެރެއިން އަންނަ މުދާއުފުލާ ބޯޓްފަހަރަށް ހާއްސަ ބަނދަރެއް ނަމަވެސް ކަންނެލި ދޯނިތަކާއި ބަރުމުދާ އުފުލާދޯނިތައް އެބަނދަރު ބޭނުންކުރަން ފަށާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ބަނދަރުގެ ދަތިކަން ބޮޑުވެފައިވާ ކަމަށެވެ.
އަތޮޅުތެރޭ ފަރާތްތަކަށް މިކަން ބޮޑު ދައްޗަކަށްވެފައިވާ އިރު ޖުނައިދު ވިދާޅުވީ އެކަމަށް ހައްލުގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިސަރަހައްދު މުޅިންކަނޑައެޅިފައި މިއޮންނަނީ ރާއްޖެ ތެރެއިން އަންނަ ފަރާތްތަކަށް، އެބޭފުޅުންގެ ޝަކުވާ ވެސް އާދޭ،.. އަޅުގަނޑުމެން ވަރަށް ގިނަ ޕްލޭންތައް ރޭވިފައި އެބަހުރި، އެގޮތުން ވަރަށް ގިނަކަންތައްތަކެއް އެބަހުރި." ޖުނައިދު ވިދާޅުވި އެވެ.
އެމްޕީއެލް ސީއީއޯ ޖުނައިދު ސަންއަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އަސާސީ ބޭނުންތަކާއި އެހެނިހެން ބޭނުންތަކަށް ކޮންމެހެން މާލެ އަންނަން ޖެހެ އެވެ. ރާއްޖެ އުފެދިފައިވާ ގޮތުން ގިނައިން ބޭނުން ކުރަން މިޖެހެނީ ކަނޑުމަގެވެ. މިހެން މިކަން އޮއްވައި މިބަނދަރުގެ ހާލަތު މިހާހިސާބަށް ދިއުމުން އޭގެ ދަތިކަން އަތޮޅުތެރޭ ފަރާތްތަކަށް މިދަނީ ވަރަށް ބޮޑަށް ފޯރަމުންނެވެ. މިކަމަށް އަވަސް ހައްލެއް ބޭނުންވެ އެވެ.