12 Jul 2016, 22:47
ދެކުނު ޗައިނާ ކަނޑު ނުވަތަ ސައުތު ޗައިނާ ސީގެ މައްސަލާގައި، އެ ކަނޑުގެ ޖަޒީރާތަކުގެ ވެރިފަރާތް ކަމަށް ދައުވާކުރާ ގައުމުތަކާ ގުޅިގެން، އެ ކަނޑު ސަރަހައްދުގެ ތަރައްގީގެ ކަންކަން ކުރުމަށް ތައްޔާރަށް ތިބި ކަމަށް ޗައިނާ އިން ބުނެފި އެވެ.
ދެކުނު ޗައިނާ ކަނޑުގައި ހުރި ޖަޒީރާތަކާއި އަތޮޅުތަކާއި ފަޅުތަކުގެ ވެރިފަރާތަކީ ކޮބައިކަން ކަނޑައެޅުމުގައި ދެބަސްވުމެއް އުފެދި، ވެރިފަރާތް ކަމަށް ދައުވާ ކުރާ ގައުމެއް ކަމުގައިވާ ފިލިޕީންސްއިން 2013 ވަނަ އަހަރު ނެދަލެންޑްސްގެ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅި އިރު، މިއަދު އެ ކޯޓުން ނިންމީ ޗައިނާގެ އެއްވެސް ތާރީޚީ ހައްގެއް ް ކަމަށެވެ.
ކޯޓުގެ މި ނިންމުމާ ގުޅިގެން ޗައިނާ ސަރުކާރުން މިއަދު ނެރުނު ބަޔާނުން ދޭހަވާ ގޮތުގައި، ޗައިނާ އޮތީ އެއްކޮށް ދޫ ދިނުމަށް ތައްޔާރަށް ނޫންކަން ހާމަވެ އެވެ.
ޗައިނާ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދެކުނު ޗައިނާ ކަނޑުގެ "ނަންހައި ޖޫޑައޮ" ނުވަތަ ސައުތު ޗައިނާ ސީ ޖަޒީރާތަކުގަކުގައި ހިމެނޭ ރަށްތަކާއި ޖަޒީރާތަކާއި ފަޅުތަކަކީ ޗައިނާގެ ތަންތަން ކަމަށެވެ. އަދި މީގެ 2،000 އަހަރު ކުރިޔަށް އެތަނުގެ ތާރީޚު ދެމިގެންދާ ކަމަށާއި އެތަންތަން ހޯދައި އެތަންތަނުގައި ވަޒަންވެރިވެ އެތަންތަން ބޭނުންކުރަން އެންމެ ފުރަތަމަ ފެށީ ވެސް ޗައިނާ އިން ކަމަށް އެގައުމުން ބުނެ އެވެ.
އޭގެ ފަހުން ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ޖަޕާނުން ގާނޫނުތަކާ ޚިލާފަށް އެ ޖަޒީރާތަކަށް އަރައި އެތަންތަން ކޮންޓްރޯލު ކުރި ކަމަށާއި، އެއަށް ފަހު 1947 ވަނަ އަހަރު ޗައިނާއިން ޗައިނާގެ ރަށްތައް ފާހަގަ ކުރުމަށް ޓަކައި ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާތަކުގެ މެޕެއް ކުރަހައި އިންތައް ކަނޑައެޅި ކަމަށް ޗައިނާގެ ބަޔާނުގައި ބުނެ އެވެ.
މީގެ އިތުރުން ޗައިނާގެ ދާޚިލީ ހަނގުރާމައަށް ފަހު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ 1949 ވަނަ އަހަރު އުފައްދައި، އެ ސަރަހައްދުގެ ކަނޑުގައި ހުރި ޖަޒީރާތަކަކީ ޗައިނާގެ ތަންތަން ކަމުގައި ހެދުމަށް ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުއާހަދާތަކުން ކަށަވަރުކޮށްފައިވާ ކަމަށް ޗައިނާ އިން ބުންޏެވެ.
ޗައިނާ އިން ބުނީ ޗައިނާގެ ޖަޒީރާ ރަށްތަކުގެ ބައެއް ޖަޒީރާތަކަށް އެހެން ގައުމުތަކުން ހިފާފައިވާ ކަމީ ޗައިނާ އިން އަބަދުވެސް ދެކޮޅު ހެދި ކަމެއް ކަމަށެވެ. އެހެން ނަމަވެސް ޗައިނާ އިން އޮތީ މައްސަލަތައް މަޝްވަރާގެ މަތިން ހައްލު ކުރުމަށް ތައްޔާރަށް ކަމަށް ޗައިނާ އިން ބުނެ އެވެ.
"މައްސަލައިގެ ތެރެއަށް ތަދައްޚުލްވެފައިވާ ގައުމުތަކާ ސީދާ ގޮތުން މަޝްވަރާކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް، ތާރީޚީ މައުލޫމާތުގެ އަލީގައި މައްސަލަތައް ހައްލުކުރަން ޗައިނާ އިން އޮތީ ތައްޔާރަށް،"
މީގެ އިތުރުން، ޗައިނާ އިން އޮތީ ކަނޑުގެ އެ ސަރަހައްދުތައް ތަރައްގީ ކުރުމުގައި އެ މައްސަލާގައި ހިމެނޭ ގައުމުތަކާ ގުޅިގެން މަސައްކަތްކޮށް، ހުރިހާ ފަރާތަކަށް ވެސް ފައިދާވާ ފަދަ ގޮތަކަށް އަމަލު ކުރުމަށް ތައްޔާރަށް ކަމަށް ވެސް ޗައިނާ އިން ބުނެ އެވެ.
"މައްސަލައިގައި ހިމެނޭ ގައުމުތަކާ ގުޅިގެން ކަނޑުގެ ސަރަހައްދުތައް ތަރައްގީ ކޮށް، ހުރިހާ ފަރާތަކަށް ވެސް ފައިދާވާނެ ނަތީޖާތަކެއް ހާސިލުކުރުމަށާއި ހުރިހާ ގައުމުތަކުން ގުޅިގެން ދެކުނު ޗައިނާ ކަނޑުގެ ސުލްހައާއި އަމާންކަން ދެމެހެއްޓުމާ މެދު އެއްބަސްވުންތަކެއް ހެދުމަށް ވެސް ޗައިނާއިން ތައްޔާރު،"ޗައިނާ ސަރުކާރު
މީގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން، ދެކުނު ޗައިނާ ކަނޑު ހުރަސްކޮށް ކަނޑު ދަތުރު ކުރުމާއި ވައިގެ ދަތުރު ކުރުމުގެ މިނިވަންކަން ހުރިހާ ގައުމަކަށް ވެސް ލިބިފައިވާ އިރު، ޗައިނާ އިން ބުނަނީ ދަތުރުފަތުރުގެ ރައްކާތެރިކަމާއި ސަލާމަތަށް އެއްބާރުލުން ދިނުމަށް ޗައިނާ އިން ބޭނުންވާ ކަމަށާއި ދެކުނު ޗައިނާ ކަނޑު ހުރަސްކުރާ ބައިނަލްއަގުވާމީ ޝިޕިންގް ލޭންތަކުގެ ސަލާމަތް ކަށަވަރުކޮށްދިނުމަށް ޗައިނާ އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ސައުތު ޗައިނާ ސީ ސަރަހައްދުގައި ހުރި ޖަޒީރާތަކާ ފަރުތަކަކީ، އެންމެ ކުރީއްސުރެ ޗައިނާގެ ޓެރިޓަރީއެއް ކަމަށް ޗައިނާ އިން ބުނާ އިރު، ޖަޕާނުން އެސަރަހައްދުގެ ޖަޒީރާއެއް ބާރުގެ ދަށަށް ގެންދިޔަ ކަމަށާއި އޭގެ ފަހުން ޗައިނާ އިން އެޖަޒީރާތައް އަނބުރާ ހޯދިކަން 1943 ވަނަ އަހަރުގެ ގާހިރާ މުއާހަދާ އާއި ދެ ވަނަ ބޮޑުހަނގުރާމާގައި ޖަޕާނުން ނާކާމިޔާބީ ގަބޫލުކުރި ކުރުން ބަޔާންކޮށް އެކުލަވާލި ޕޮޓްސްޑޭމް މުއާހަދާގައި ވެސް އެކަން ބަޔާން ކޮށްފައިވާ ކަމަށް ޗައިނާ އިން އަބަދު ވެސް ބުނަމުން ދެ އެވެ.
އެހެން ނަމަވެސް، ސައުތު ޗައިނާ ސީގައި ހުރި، ތެލާއި ގޭހުގެ ގުދުރަތީ ވަސީލަތްތަކަށް ފިލިޕީންސުން 1970ގެ އަހަރުތަކުގައި، އދ.ގެ ޗާޓަރުތަކާ ކަނޑައެޅިގެން ޚިލާފަށް އަރައިގަނެ، މިހާތަނަށް އަށް ޖަޒީރާ ރަށެއް ހިފާފައިވާ ކަމަށް ޗައިނާ އިން މީގެ ކުރިން ބުންޏެވެ.
އާސިއާން ގައުމުތަކުގެ މެމްބަރުން 2002 ވަނަ އަހަރު ސޮއިކޮށްފައިވާ، ޑިކްލެރޭޝަން އޮފް ކޮންޑަކްޓް އޮން ސައުތު ޗައިނާ ސީގެ ހަތަރުވަނަ ޕެރެގްރާފުގައި، ސަރަހައްދީ މައްސަލަތައް ހައްލު ކުރުމަށް ސުލްހަވެރި އަދި ރަހުމަތްތެރި މަޝްވަރާތައް ކުރިޔަށް ގެންދިއުމަށް ބުނެފައިވާ އިރު ޗައިނާ އާއި ފިލިޕީންސްއާ ދެމެދު ޖެހިފައިވާ މައްސަލަ މަޝްވަރާގެ މަތިން ހައްލު ކުރުމަށް ފިލިޕީންސް އާއި ޗައިނާ އިން އެކުގައި އެއްބަސްވެފައި އޮތް ނަމަވެސް، ފިލިޕީންސް އިން ދެކުނު ޗައިނާ ކަނޑުގެ ޖަޒީރާތަކުގެ މައްސަލާގައި ކޯޓަށް ދިއުން ވެގެން ދިޔައީ ޗައިނާ "ރުޅިގަދަ" ކޮށްލި ކަމަކަށެވެ.
"މިއީ ފިލިޕީންސުން ޗައިނާ އަށާއި މުޅި ގައުމަށް ވި އަހުދެއްގެ ޝަރަފު ނަގައިލުން. ޓެރިޓޯރިއަލް މައްސަލަތައް ހައްލު ކުރަންޖެހެނީ ބައިނަލްއަގުވާމީ އާންމު ގާނޫނުތަކުން، އދ.ގެ މުއާހަދާއަކަށް ރިއާޔަތް ކޮށްގެނެއް ނޫން،" ރާއްޖޭގައި ހުންނަވާ މީގެ ކުރިން ވިދާޅުވި އެވެ.