12 Jul 2016, 22:46
ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރާނެ ދިވެހި ޕްރިންސިޕަލުންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި މެލޭޝިއާގެ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވާސިޓީ އާއި އޮފް އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ތަމްރީނު ޕްރޮގްރާމްތަކެއް މިއަދު ފަށައިފި އެވެ.
މިހާރު ރާއްޖޭގެ ސްކޫލްތައް ހިންގުމުގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުންގެ ތެރެއިން ތަމްރީނު ލިބިފައިވާ ދާއިމީ ދިވެހި ޕްރިންސިޕަލުންގެ ނިސްބަތަކީ 46 ޕަސެންޓެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ޏ. ފުވައްމުލަކުގައި މިއަދުން ފެށިގެން ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ވާކްޝަޕުތަކުގެ ސަބަބުން ރާއްޖޭގެ ސްކޫލްތަކުގައި ތިއްބެވި ގާބިލު ލީޑިން ޓީޗަރުންގެ ކިބައިގައި ސްކޫލްތައް ހިންގުމުގެ ހުނަރާއި ގާބިލިއްޔަތު އިތުރުކުރެވި، ސްކޫލްތައް ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށެވެ.
"ވާކްޝޮޕް އޮން ޕާސަނަލް އިފެކްޓިވްނަސް އޭޒް ސްކޫލް ލީޑާސް" ނަމުގައި ފެށި އެ ވާރކްޝޮޕްގައި ފުވައްމުލަކުގެ އިތުރުން އައްޑޫއާއި، ގއ. ގެ އިތުރުން ގދ. އާއި މާލެ އަތޮޅުގެ 30 ލީޑިން ޓީޗަރަކު ބައިވެރިވެއެވެ.
އެޑިއުކޭޝަނުން ބުނީ އެ ވާކްޝަޕުގައި ކިޔަވައި ދެއްވަނީ ޔުނިޓާ އިންޓަނޭޝަނަލް ޔުނިވަރސިޓީގެ ބޭފުޅުން ކަމަށެވެ. އެ ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވާނީ މެނޭޖްމަންޓާއި ލީޑާޝިޕް އާއި ގުޅުން ހުރި ދާއިރާތަކުންނެވެ.
އެޑިއުކޭޝަނުން ބުނީ ރާއްޖޭގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސްކޫލްތައް ހިންގަވަން ތިއްބެވި ބޭފުޅުންނަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި ޕްރިންސިޕަލުންނަށް އަމާޒުކޮށް އެ މިނިސްޓްރީން އަންނަނީ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި އިތުރު ފުރުސަތުތައް ފަހިކޮށްދެމުން ކަމަށެވެ.
އެގޮތުން، ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ލީޑަޝިޕް ސްކިލް އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކުން ޖުމްލަ 69 ޕްރިންސިޕަލަކު މިއަހަރުގެ ތެރޭގައި މެލޭޝިއާގެ އޯޕަން ޔުނިވާސިޓީ އާއި ޔުނިޓާ ޔުނިވާސިޓީ އާއި އެ ގައުމުގެ ސްކޫލްތަކަށް ޒިޔާރަތްކޮށް ހިންގުމުގެ ދާއިރާ އާއި ބެހޭ ތަޖުރިބާ އާއި މައުލޫމާތު ހޯދާފައިވާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އަދި ބުނީ މިއަހަރު ނިމުމުގެ ކުރިން ޖުމްލަ 100 ޕްރިންސިޕަލުންނަށް އެ ފުރުސަތު ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެޑިއުކޭޝަނުން ބުނީ ކުރިއަށް އޮތްތާނގައި އެފަދަ އިތުރު ތިން ވާކްޝޮޕެއް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.