ދިއްގަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު އެ ޕާޓީން ވަކި ކުރުމަށް ސުލޫކީ ކޮމެޓީން ނިންމި ނިންމުން ތަންފީޒު ކޮށްދިނުމަށް ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލުގެ އަރިހުން ސުލޫކީ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު އެދިވަޑައިގެންފި އެވެ.

އަލީ ވަހީދު ސޮއިކުރައްވާ ޕީޕީއެމްގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމަށް އިއްޔެ ފޮނުއްވާފައިވަ ސިޓީފުޅެއްގައި ވިދާޅުވީ އަހުމަދު ފާރިސްގެ ސުލޫކީ މައްސަލަ ސުލޫކީ ކޮމެޓީން ބަލައި ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިންގާ ގަވާއިދުގެ މާއްދާތަކުގައިވާ ގޮތުގެ މަތީން ކަމަށެވެ.

"ވީމާ އަހުމަދު ފާރިސްގެ ސުލޫކީ މައްސަލަ ސުލޫކީ ކޮމެޓީން ބަލައި ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިންގާ ގަވާއިދުގެ މާއްދާތަކުގެ އިސްވެ ދެންނެވުނު މާއްދާގައިވާ ގޮތުގެ މަތީން ހުށަހެޅިގެން ކަމަށްވާތީ ސުލޫކީ ކޮމެޓީގެ ނިންމުން ތަންފީޒު ކޮށްދެއްވުމަށް ދެންނެވީމެވެ. އަދި ސުލޫކީ މައްސަލަތަކާއި ބެހޭ ގަވާއިދުގެ ކޮޕީއެއްވެސް މަނިކުފާނުގެ މައުލޫމާތަށްޓަކައި ފޮނުވީމެވެ." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ސުލޫކީ މައްސަލަތަކާއި ބެހޭ ގަވާއިދުގައި ޕާޓީގެ މެމްބަރުން ސުލޫކީ ކޮމެޓީއަށް މައްސަލައެއް ހުށަހަޅުއްވާނީ ފޯމަކުން ކަމަށް ބަޔާންކޮށްފައިވުމުގެ އިތުރުން ސުލޫކީ މައްސަލައެއް ކަމަށް ގަބޫލު ކުރެވޭ ކޮންމެ ކަމެއް އަނގަބަހުން ސުލޫކީ ކޮމެޓީގެ ބައްދަލުވުމަށް ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެ ސިޓީގައި އޭނާ ވިދާޅުވީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސްގެ ސުލޫކީ މައްސަލަ ސުލޫކީ ކޮމެޓީން ބަލާ ފިޔަވަޅު އަޅާފައި ވަނީ އެމަނިކުފާނާއި ގުޅޭ ސުލޫކީ މައްސަލައެއް ފާހަގަކުރައްވާ ޕީޖީ ގުރޫޕުގެ ފަރާތުން ސުލޫކީ ކޮމެޓީއަށް ލިޔުމުން ހުށަހެޅުމުން ކަމަށެވެ. އަދި ވިދާޅުވީ ފާރިސްގެ މައްސަލައަކީ ސުލޫކީ ކޮމެޓީގައި ބަލަންޖެހޭ މައްސަލައެއްކަން ކޮމެޓީގެ މެމްބަރުންގެ އަނގަބަހުން ކޮމެޓީގެ ބައްދަލުވުމަކަށް ހުށަހެޅިގެން ދިޔަ ކަމަށެވެ.

އަލީ ވަހީދު އެހެން ވިދާޅުވެފައި އެވަނީ ފާރިސްގެ ސުލޫކީ މައްސަލައެއް ޕީޕީއެމް އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް ޕީޕީއެމުން މިދިޔަ އާދިއްތަ ދުވަހު ބުނެފައި ވަނިކޮށެވެ. އަދި ޕީޕީއެމުން އެހެން ބުނެފައި ވަނީ ހަމަ އެ ދުވަހު ސުލޫކީ މައްސަލައެއް ބަލާކަމުގެ މައުލޫމާތު ޕާޓީގެ އެއްވެސް ގުނަވަނަކުން ޕާޓީގެ އޮފީހަށް ލިބިފައިވާނަމަ ވީއެންމެ އަވަހަކަށް އަންގަވައިދެއްވުމަށް އެދި ފާރިސްގެ ފަރާތުން ޕީޕީއެމްއަށް ފޮނުވި ސިޓީއާ ގުޅިގެން ނެވެ.

ފާރިސް ޕީޕީއެމުން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމީ މިިދިޔަ އަންގާރަ ދުވަހު އެވެ. ސުލޫކީ ކޮމެޓީން އޭނާ ވަކި ކުރަން ނިންމީ ހަގީގަތުގައި ވެސް އޭނާގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ކޮމެޓީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާތީ" ކަމަށް އެ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު "ސަން"އަށް ވިދާޅުވި އެވެ.