22 May 2011, 14:37
ރާއްޖެ އާއި އިޒްރޭލާ ދެމެދު ކުރިން އޮތް ގުޅުން "ތެޅިފޮޅިގަނެގެން" އިއާދަކުރަން ނޫޅޭ ކަމަށާއި އިޒްރޭލާ އެކު ގުޅުން ކުރިއަށްދާނީ އެ ގައުމުން ފަލަސްތީނާ މެދު ކަންތައް ކުރާ ގޮތަކަށް ބެލުމަށް ފަހު ކަމަށް ފޮރިން މިނިސްޓަރު އަހްމަދު ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނަސީމް ވިދާޅުވީ، އެ ދަތުރުފުޅުގައި އިޒްރޭލަށް ވަޑައިގަތީ ފަލަސްތީނުގެ ރައީސާއި ބޮޑުވަޒީރާއެކު ބޭއްވި މަޝްވަރާތަކުން ފާހަގަކުރެއްވުނު ކަންތައްތައް އިޒްރޭލު ސަރުކާރުގެ އިސް ބޭފުޅުންނާ ހިއްސާ ކުރެއްވުމަށް ކަމަށެވެ. އަދި އިޒްރޭލަށް ވަޑައިގެން އެގައުމާ އެކު ސިޔާސީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށާއި ތެޅިފޮޅިގަނެގެން އެ ގުޅުން އިއާދަކުރުމަށް މަސައްކަތް ނުކުރައްވާ ކަމަށް ވެސް މިނިސްޓާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއުޅެނީ އިޒްރޭލަކާ ތެޅިފޮޅި ގަނެގެން ކޮންމެހެން ކުރީގައި އޮތް ގޮތަށް އެ ގުޅުން އިއާދަކުރާކަށް ވެސް ނޫން. އަޅުގަނޑުމެން ބަލަމުންމިގެންދަނީ އެމީހުން ]އިޒްރޭލުން[ އަޅުގަނޑުމެންގެ އަހުން، ފަލަސްތީނު މީހުންނާ ކަންތައް ކުރަމުންގެންދަނީ ކިހިނެތްތޯ. އޭގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެންގެ ގުޅުން ކުރިއަށް ގެންދާނީ އިޒްރޭލާ،" ނަސީމް މިއަދު ވިދާޅުވި އެވެ.
މީގެ އިތުރުން، މެދުއިރުމައްޗަށް ކުރެއްވި ދަތުރުފުޅަކީ އިޒްރޭލަށް ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށާއި "އިޒްރޭލަށް ނުގޮހެއް ފަލަސްތީނަށް ދެވެން ނޯންނާނެ" ކަމަށް ފޮރިން މިނިސްޓާ އެކިފަހަރުމަތިން މިއަދު ތަކުރާރުކުރެއްވި އެވެ. އަދި އެއީ "ސެންސިޓިވް" ވާހަކަތަކެއް ކަމަށް ސިފަކުރައްވަމުން މިނިސްޓާ ވަނީ، ރައްޔިތުންނަށް "އޮޅޭ" ކަހަލަ ގޮތަކަށް އެ ވާހަކަތައް ނުގެނެސް ދެއްވުމަށް މީޑިއާ އަށް ގޮވައިލައްވައިފަ އެވެ.
އިޒްރޭލަށާއި އަދި ޔަހޫދީންނަށް ބައެއް ދިވެހިންގެ ފަރާތުން އަމާޒުވާ ފާޑުކިޔުމާ މެދު އެގައުމުން އެއްވެސް ކަންބޮޑުވުމެއް ފާޅުކުރިތޯ ސުވާލު ދެންނެވުމުން ނަސީމް ވިދާޅުވި އެވެ؛ "ވަރަށް ލަދުގަންނަ މައްސަލައެއްތީ. އެއީ އަޅުގަނޑުމެންނަކީ އިންސާނުން. އަޅުގަނޑުމެންނަކީ ހިއުމަން ރައިޓްސް އޯގަނައިޒޭޝަންގެ މީހުން...އަޅުގަނޑުމެން މާކުރީޒަމާނުއްސުރެ ވެސް ޔަހޫދީން ވެސް އިސްލާމުން ވެސް އެކީ ނުންތޯ އުޅެމުންދިޔައީ؟ އެހެންވީމަ ތީ އިޝޫއެއް ކަމަކަށް އަޅުގަނޑެއް އެއްގޮތަކަށް ވެސް ނުދެކެން. އަނެއްކާ ތިޔަ ކަހަލަ ވާހަކައެއް ތިހާ ދަށްފެންވަރެއްގައި އެބޭފުޅުން ނުވެސް ދައްކަވާނެ،"
ނަސީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮތީ ފަލަސްތީނަށް އެންމެ ރަނގަޅު ގޮތެއް ހޯދައިދިނުމަށެވެ. ދިވެހި ސަރުކާރުން ދެކޭ ގޮތުގައި ފަލަސްތީނު އޮންނަން ވާނީ 1967 ވަނަ އަހަރުގެ ބޯޑަރުގައި ކަމަށާއި އެކަމަށް ދެކޮޅު ހެދޭނެ ޖާގައެއް އިޒްރޭލަށް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ފޮރިން މިނިސްޓްރީން ކުރަމުންދާ އިތުރު މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓާ ވިދާޅުވީ، ފަލަސްތީނު މައްސަލައިގެ އިތުރުން ލީބިޔާގެ މައްސަލައަށް ހައްލެއް ހޯދުމާ ގުޅޭ ގޮތުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ރާއްޖެއިން ވާހަކަދައްކާނެ ކަމަށެވެ. މީގެ އިތުރުން، އަނިޔާލިބިފައިވާ މީހުންނަށް ޔުނެސްކޯއިން އެކިގައުމުތަކުގައި ބިނާކުރަމުންދާ ބިނާ އެއް ރާއްޖޭގައިވެސް ގާއިމްކުރުމަށް ނިންމައިފައިވާ ކަމަށް މިނިސްޓާ ވިދާޅުވި އެވެ. އަދި "އޭޝިއާ ޕެސިފިކް ފޯރަމް އޮން ހިއުމަން ރައިޓްސް" ބައްދަލުވުން އޮންނާނީ ރާއްޖޭގައި ކަން ވެސް އިއުލާން ކުރެއްވި އެވެ.