12 Jul 2016, 18:19
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ހަތަރު މަޖިލިސް މެމްބަރެއްގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެ ޕާޓީގެ ސުލޫކް ކޮމެޓީއަށް މައްސަލަ ހުށަހަޅައިފި އެވެ.
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފިޔަވަޅު އަޅައިދޭން އެދުނީ އެ ޕާޓީގެ އާއްމު ދެ މެމްބަރެކެވެ.
މުހައްމަދު ޝާހިދާއި (ޝާޑު) އަހުމަދު ޝިޔާމުގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައި ވަނީ މައުމޫންގެ ހުއްދަ ނެތި ޕާޓީގެ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ނިންމެވި މައްސަލަ ކޯޓަށް އެ ދެ މެމްބަރުން ހުށަހެޅުއްވާފައި ވަނިކޮށެވެ. އެހެންކަމުން ޕާޓީގެ އިންތިހާބީ ރައީސް ގޮވައިގެން ކޯޓަށް ދިއުމުން އެ ދެ މެމްބަރުންގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް ޕާޓީގެ ސުލޫކް ކޮމެޓީއަށް ވަނީ ހުށަހަޅާފަ އެވެ.
އެ މައްސަލައާ ގުޅޭގޮތުން ޝިޔާމު "ސަން"އަށް މިއަދު ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރާ އެއްވެސް ކަމަކަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް މައުމޫންގެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ތެރޭގައި ޑިމޮކްރަސީއަށް ހުރަސްއެޅިފައި އޮތުމުން ކަމަށެވެ.
"މިއީ {ޕީޕީއެމް} ވަކި ބޭފުޅެއްގެ ޕާޓީއެއް ނޫން. މިއަދުގެ ސަރުކާރަކީ ޕީޕީއެމްގެ ސަރުކާރެއް. އެހެންކަމުން ޕާޓީ ފްރީޒު ވެއްޖިއްޔާ ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ވެސް ބުރޫއަރާނެ ދެއްތޯ." ޝިޔާމު ވިދާޅުވި އެވެ.
ދެން ތިއްބެވި ހަތަރު މެމްބަރުންގެ ތެރެއިން އަބްދުރަހީމުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް ހުށަހެޅީ ޕާޓީގެ ރައީސްގެ ޝަރަފާއި ގަދަރަށް ހުތުރުވާ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފަށް އެކި މީޑިއާތަކުގައި ވާހަކަދައްކަވާފައިވާތީ އެވެ. އަލީ އާރިފާ މެދު ފިޔަވަޅު އެޅުމަށް ސުލޫކް ކޮމެޓީއަށް ހުށަހެޅީ މި މަހުގެ އެއްވަނަ ދުވަހު މުލިއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ނެވެ. އެހެންކަމުން ސުލޫކް ކޮމެޓީއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އަލީ އާރިފު ވަނީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ޕާޓީގެ އިންތިހާބީ ރައީސްއާ ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ދައްކަވާފައި ކަމަށެވެ.
ޕީޕީއެމުން ބުނީ ގަވާއިދުގައިވާ ގޮތަށް އެ މައްސަލަ މިހާރު ސުލޫކީ ކޮމެޓީ އަށް ފޮނުވާފައިވާ ކަމަށެވެ.
އެ ހަތަރު މެމްބަރުންގެ އިތުރުން މީގެކުރިން ވެސް ވަނީ އެ ޕާޓީއަށް ނިސްބަތްވާ ތިން މެމްބަރެއްގެ މައްސަލައެއް ސުލޫކް ކޮމެޓީއަށް ހުށަހަޅާފަ އެވެ. އެއީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކާއި ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދުގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ މައްސަލަ އެވެ.
އޭގެތެރެއިން ފާރިސާ މެދު ސުލޫކް ކޮމެޓީން ވަނީ ފިޔަވަޅު އަޅާފަ އެވެ. އެގޮތުން ޕީޖީ ގުރޫޕުގެ ވިޕްލައިނަކާއި ފާރިސް ހިލާފުވި ކަމަށް ބުނެ، ސުލޫކް ކޮމެޓީން ވަނީ އޭނާ ވަކި ކުރަން ނިންމާފަ އެވެ. ނަމަވެސް ޕީޕީއެމުން ބުނީ ފާރިސްގެ ސުލޫކީ މައްސަލައެއް ހުށައަޅަންޖެހޭ އުސޫލުގެ މަތިން އެޕާޓިއަށް ހުށައަޅާފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާ ޕާޓީން ވަކި ނުވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.