12 Jul 2016, 17:26
ތ. ދިޔަމިގިލީގައި ކުރިއަށްދާ ސައީދުބެ ފުޓްސަލް ކަޕުގެ ފައިނަލަށް އެފްސީ މަގުކޮޅާއި ކެޕިޓަލް ދަތުރުކޮށްފި އެވެ.
ފިޠުރު ޢީދާ ގުޅުވައިގެން ދިޔަމިގިލި ކައުންސިލް އިދާރާ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގެ ފައިނަލަށް އެފްސީ މަގުކޮޅާއި ކެޕިޓަލް ދަތުރުކޮށްފައިވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލްގެ މެޗުތަކުން މޮޅުވެގެންނެވެ.
ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކެޕިޓަލްގެ މައްޗަށް 5-2 ލަނޑުން މޮޅުވެގެން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ އެފްސީ މަގުކޮޅެވެ. އެފްސީ މަގުކޮޅުގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ތޮލްހަތު މޫސާ ކާމިޔާބުކޮށްދިން އިރު، އިބްރާހިމް ޝިޔާމް ވެސް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރިޔާޒް އެވެ. މެޗުގައި ކެޕިޓަލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އަރީފާއި އިބްރާހިމް ތައުފީގެވެ.
ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ސެމީގެ ފުރަތަމަ މެޗުން ބަލިވި ކެޕިޓަލް އާއި އެފްސީ ކަނަކޮޅު އެވެ. އެ މެޗު 5-1 ލަނޑުން ކާމިޔާބުކޮށް، ފައިނަލުގެ ފަހު ޖާގަ ހޯދީ ކެޕްޓަލް އެވެ. ކެޕްޓަލް އިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު އާދަމް މަނިކު ކާމިޔާބުކޮށްދިން އިރު، އަބްދުﷲ ރަޝީދު ވެސް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަރީފެވެ. މެޗުގައި އެފްސީ ކަނަކޮޅުގެ ހަމައެކަނި ލަނޑު ޖަހައިދިނީ މައުރޫފް އަހްމަދެވެ.
ދިޔަމިގިލީގެ ތަރައްގީއަށާއި ރައްޔިތުންގެ މެދުގައި އެކުވެރި ކަމާއި އެއްބާރުލުން އުފައްދައި، ހާއްސަކޮށް ޒުވާނުންގެ މެދުގައި ކުޅިވަރާއި، އިޖްތިމާއީ، ދީނީއަދި ޘަގާފީ ރޫހު އާލާކޮށް ދިރުވުމަށް އަގުހުރި މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެއް ކަމަށްވާ، އަލްމަރްހޫމް އަބްދުﷲ ސަޢީދު (ސައީދުބެ)ގެ ހަނދާނުގައި ދިޔަމިގިލީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 9300 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 2700 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.
އޭގެ އިތުރުން މުބާރާތުގެ ފެއާ ޕްލޭ ޓީމާއި، މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށް ވެސް ހަމަޖެހިފައިވެ އެވެ. މުބާރާތުގެ އެންމެ މަގުބޫލު ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފައިވާ އިރު، އެ މަގާމު ހޮވުމަށް ދިޔަމިގިލި ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި ވޯޓު ދިނުމަށް ޕޯލެއް ހުޅުވާލާފައިވެ އެވެ.
ސައީދުބެ ފުޓްސަލް ކަޕުގެ ފައިނަލުގައި އެފްސީ މަގުކޮޅާއި ކެޕިޓަލް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.