12 Jul 2016, 16:26
ޗުއްޓީ ހޭދަކޮށްލުންފަދަ ބޭނުންތަކުގައި ރާއްޖެ އަންނަ މެލޭޝިއާ މީހުންނަށް އޮން އެރައިވަލްގައި 90 ދުވަހުގެ ވިސާ ދިނުމަށް މޯލްޑިވްސް އިމިގްރެޝަނުން ހަމަޖައްސައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން އެ ގޮތަށް ހަމަޖެއްސިއިރު މެލޭޝިއާއަށްދާ ދިވެހިންނަށް ވެސް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ދޭން ވަނީ ފަށާފަ އެވެ.
އިމިގްރޭޝަނުން ބުނީ އެގޮތަށް ހަމަޖެއްސާފައި ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހާއި ޖޫން މަހުގެ 30 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރާ ކުރެއްވި މަޝްވަރާތަކަށްފަހު ކަމަށެވެ.
"މި މަޝްވަރާ ކުރެވިފައިވަނީ މެލޭޝިއާ އަކީ ދިވެހިން އެކި ބޭންތަކުގައި ދަތުރުކުރާ މަންޒިލަކަށްވެފައި އޮން އެރައިވަލްގައި ލިބޭ ވިސާގެ މުއްދަތު މަދުވުމުން ތަފާތު އުދަގޫތަކާ ކުރިމަތި ވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވުމުންނެވެ،" އިމިގްރޭޝަނުން ބުންޏެވެ.
އެ މަޝްވަރާގެ އަލީގައި ޗުއްޓީ ހޭދަކުރުންފަދަ ކަންކަމުގައި ދިވެހީން މެލޭޝިއާއަށް ދަތުރުކުރާ ކޮންމެ ފަހަރަކުމެ 90 ދުވަހުގެ ވިސާ ލިބޭ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި މެލޭޝިއާގެ ރައްޔިތުންގެ ތެރެއިން ޗުއްޓީ ހޭދަކޮށްލުންފަދަ ބޭނުންތަކުގައި ރާއްޖެ އަންނަ ފަރާތްތަކަށް ރާއްޖެ އަންނަ ކޮންމެ ފަހަރަކު 90 ދުވަހުގެ މުއްދަތަށް ރާއްޖޭގައި ހުރުމަށް ވިސާ ދިނުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް 90 ދުވަހަށްވުރެ އިތުރުވުމުން ވިސާގެ މުއްދަތު އާ ކޮށްދޭ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ގޮތަށް ހަމެޖެހުމުން، މެލޭޝިއާއަށް ދަތުރުކުރާ ދިވެހީން މެލޭޝިއާގައި ހުންނަ މުއްދަތު އިތުރު ކުރުމުގެ ގޮތުން، ވިސާ އާ ކުރުމަށް، މެލޭޝިއާއިން ސިންގަޕޯރަށް ދިއުމަށްފަހު މެލޭޝިއާއަށް އެނބުރި ދާދިއުން ހުއްޓޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އެކަމުގެ ސަބަބުން މެލޭޝިއާއަށް ކުރާ ދަތުރުތަކުގައި ދިވެހީން ކުރާ ހޭދައާ އަދި ކުރިމަތިވެފައިވާ ދަތިއުނދަގޫ ހާލަތްތަކަށް ނިމުމެއް އަންނާނެ ކަަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ ނިންމުމުގެ ސަަބަބަބުން ކުރިއަށް އޮތްތާގައި ރާއްޖެއާއި މެލޭޝިއާ ދެމެދުގައި ދަތުރުކުރާ ދެ ގައުމުގެ ރައްޔިތުުންނަށް ކުރިމަގުގައި އިތުރު ފައިދާ ކުރަނިވި ނިންމުންތައް ނިންމުމަށް ދެގައުމަށް ވެސް ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ.