ކުރީ ސަރުކާރުގެ ދުވަސްވަރު ޖަލުގައި ގައިދީންނަށް އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ހިންގާފައިވާ މައްސަލައިގައި އިހުމާލުވެފައިވާ ކަމަށް ބުނެ ފުލުހުން ހައްޔަރު ކުރި އިސްތަފާ އިބްރާހިމް މުހައްމަދު މަނިކުގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ ކ. މާފުށީ ކޯޓުގެ އަމުރު ބާތިލްކޮށް އޭނާ ވަގުތުން ބަންދުން ވީއްލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ދެކޮޅަށް އިސްތަފާގެ ފަރާތުން ހުށަހެޅުއްވި މައްސަލައިގައި ހުކުމް ކުރައްވަމުން ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް ވިދާޅުވީ އިސްތަފާ ބަންދުގެ މުއްދަތު އިތުރު ކުރުމުގައި މާފުށީ ކޯޓުން ސަބަބު ބިނާކޮށްފައި ވަނީ އޭނާއަށް ހެކިންނަށް ނުފޫޒު ފޯރުވުމާއި ހެކި ނައްތާލުމުގެ ފުރުސަތު އޮތް ކަމުގެ މައްޗަށް ކަމަށެވެ. އެކަމަކު ކަމަކީ ހާލަތާއި ޒަމާނާ ގުޅިފައިވާ ކަންތައްތައް ކަމަށާއި އިސްތަފާ ހެކިންނަށް ނުފޫޒު ފޯރުވާފާނެ ކަމަށް ނުވަތަ ހެކި ނައްތާލަފާނެ ކަމުގެ އެއްވެސް ހެއްކެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

އިސް ފަނޑިޔާރު ވިދާޅުވީ އިސްތަފާއަކީ ހެކިންނަށް ނުފޫޒު ފޯރުވޭނެ އަދި ހެކި ނައްތާލެވިދާނެ ފަދަ މަގާމެއްގައި މިހާރު ހުންނެވި މީހެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފާނެ ކަމުގެ ގާނޫނީ ހެއްކެއް ނުވަތަ ހަރުދަނާ ގަރީނާއެއް ނަމަވެސް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

މާފުށީ ކޯޓުން އިސްތަފާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ބަންދުގައި މީހަކު ބެހެއްޓުމުގެ އަމުރު ނެރުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި ޖިނާއީ އިޖްރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އިހްތިސާސްގެ މިންގަނޑު ހިފެހެއްޓުމެއް ނެތި ކަމަށެވެ. އެހެންކަމުން ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިސްތަފާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ މާފުށީ ކޯޓުގެ އަމުރު ބާތިލްކޮށް އޭނާ ވަގުތުން ބަންދުން ވީއްލުމަށް އިސް ފަނޑިޔާރު އަމުރުކުރެއްވި އެވެ.

ހުކުމް ކުރެއްވުމުގެ ކުރިން ހައި ކޯޓުން އެ މައްސަލައިގައި ފާހަގަ ކުރައްވާފައިވާ ނުކުތާތައް އިއްވަވަމުން އިސް ފަނޑިޔާރު ވިދާޅުވީ އެ މައްސަލަ މާފުށީ ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިގެންނުވާ ކަމަށް އިސްތަފާގެ ފަރާތުން ބުނެފައިވާ ކަމަށެވެ. ހައި ކޯޓުގެ ބެންޗުން އެކަމަށް ބެލިއިރު ކޯޓުތަކުގެ ގާނޫނުގައި ސަރީހަކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމުގައި އިހްތިސާސް ލިބިގެންވާ ކޯޓެއް ބަޔާންކޮށްފައިނުވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި މިފަދަ ހާލަތެއްގައި ދެން ބަލަންޖެހޭނީ އެކަމަކާ ގުޅޭ ގޮތުން ހެދިފައިވާ ގަވާއިދަކަށް ކަމަށާއި ބަންދުގެ މުއްދަތު އިތުރު ކުރުމާ ބެހޭ ގަވާއިދުގެ ދެ ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ބަންދުގެ މުއްދަތު އިތުރު ކުރުމަށް މާލޭގައި ނަމަ ހާޒިރު ކުރަންޖެހޭނީ ޖިނާއީ މައްސަލަ ބަލާ ފަނޑިޔާރެއްގެ ކުރިމައްޗަށް ކަމަށާއި އަތޮޅު ތެރޭގައި ނަމަ ހާޒިރުކުރަންޖެހޭނީ ރަށު ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިމައްޗަށް ބަޔާންކޮށްފައިވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

އިސްތަފާގެ މައްސަލައަށް ބެލުމުން އޭނާ ހައްޔަރުކޮށްފައި ވަނީ މާލޭއިންކަން ލިޔެކިޔުމުން އެނގޭ ކަމަށާއި އެހެންކަމުން އޭނާ ހާޒިރު ކުރަންޖެހޭނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރިމައްޗަށް ކަމަށާއި އެ ނޫން ތަނަކަށް ގެންދަންޖެހޭނީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބެލޭނެ ފަދައެއް ނެތް ހާލަތްތަކުގައި ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.

އިސް ފަނޑިޔާރު ވިދާޅުވީ މި މައްސަލައިގައި މާފުށީ ކޯޓުގެ ނިންމުން ނިންމާފައި ވަނީ ބަންދުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާ ހިލާފަށް ކަމަށެވެ. އަދި ފުލުހުންގެ ލިޔެކިތުންތަކަށް ބަލާއިރު ޖަލުތަކުގައި އަނިޔާ ކުރިކަން ސާބިތުވެފައި ކަމަށް ލިޔެފައި އޮންނައިރު އަނެއް ތަނެއްގައި އެކަމުގައި އިސްތަފާގެ އިހުމާލެއް އޮތް ކަމަށް ބެލެވޭ ކަމަށް ލިޔެފައިވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން އެ ވާހަކަތައް ގާނޫނީ ގޮތުން ފުށުއަރާ ކަމަށް ވެސް އިސް ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމުގެ ފުރުސަތު އިސްތަފާއަށް އޮތް ކަމަށް ބުނާއިރު އޭނާއަކީ އޭނާ ކުރިން ހުރި މަގާމު މާ ކުރިން ދޫކޮށް މިހާރު އާންމު ދިރިއުޅެއް އުޅެމުންދާ މީހެއް ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި ހިމެނޭ ހެކިތައް ވަނީ އެކަންތައް ތަހުގީގު ކުރާ ފަރާތުގެ ބެލުމުގެ ދަށުގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ފޮރުވަފާނެ ކަމުގެ އެއްވެސް މަގުބޫލު ސަބަބެއް ޝަރީއަތަށް ހުށަހަޅާފައިނުވުމާއެކު އެފަދަ ކަމެއް ހިނގާފަނެ ކަމަށް ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ގަބޫލު ކުރެވެން ނެތް ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ.